މާލޭގެ ފިހާރައަކުން ދެ ކޮފީ ދަޅު ވަގަށް ނަގަން އުޅުނު މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ، އަމްފާ، އަބްދުﷲ ސިބާގުއަށެވެ. އެ ކޯޓުން ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ "އަގޯރާ" ފިހާރައިން ނެސްކެފޭ ބްރޭންޑުގެ ދެ ކޮފީ ދަޅު ނަގައިގެން ސިބާގު ފިހާރައިން ނުކުމެގެން ދާން އުޅެފައިވާ ކަމަށެވެ. އަދި އޭނާ މި ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ވައްކަންކުރަން އުޅުމުގެ ކުށް ސާބިތުވެ އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.