މެލޭޝިއާގެ 17 ޔުނިވަސިޓީއަކާ ގުޅިގެން ރާއްޖެއަށް 500 ސްކޮލާޝިޕް ފުރުސަތު މެލޭޝިއާ ސަރުކާރުން ހަމަޖައްސައިދީފިއެވެ.
50 ޕަސެންޓް ޑިސްކައުންޓް ދޭ ސްކޮލާޝިޕް ތަކެއްގެ ގޮތުގައި ދިން މި ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ބާކީ 50 ޕަސެންޓް ދިވެހި ސަރުކާރުން ދޭ ލޯނެއްގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެެވެ.
މެލޭޝިއާ ހަޔާ އެޑިއުކޭޝަނުން ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކޮށްފައިވަނީ 100 ޕޯސްޓް ގްރެޖުއޭޓް އަދި 400 އަންޑަ ގްރެޖުއޭޓް ސޮކޮލާޝިޕެވެ. މި 500 ސްކޮލާޝިޕްގެ އިތުރަށް ތައުލީމީ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލް ޕެއިޑް 10 ސްކޮލާޝިޕެއް ވެސް އެ ގައުމުން ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މައުލޫމާތުދެއެވެ.
މި ލިބުނު ސްކޮލާޝިޕްތަކަށް "އޭލެވެލް" ގެ ތިން މާއްދާއިން ފާސް އޮތް ކޮންމެ ދަރިވަރަކަށް ކުރިމަތި ލެވޭނެ އެވެ. ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ ހަފުތާގަ އެވެ.