ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެ ކޮޅު މ. އެންދެރިމާގެ ކައިރީގައި ފުލުހުން ފޯރިމަރަމުން އެބަދެ އެވެ.
އެންދެރިމާގޭ ކައިރީ ފުލުހުން ހަރަކާތްތެރިވާތީ، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންދެރިމާގެ ބަލާ ފާސްކޮށް ނިމުނު ކަމުގެ ލިޔުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޔުމްނާ ވަނީ އެންދެރިމާގެ ބަލާ ފާސްކޮށް، ނިންމިކަމުގެ ލިޔުން ފުލުހުން ހަވާލުކޮށްފައިވާއިރު، ދެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ދެ ފުލުހަކު އެ ގޭ ކައިރީ ތިބެނީ ކީއްވެތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. އަދި އެމްއެންޑީއެފްގެ ދެ މީހުން މިހާރުވެސް އެންދެރިމާގޭގައި އެބަތިބި ކަމަށާއި މިކަންކަމަކީ ހަމަ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ކުރާ ކަމެއްތޯ ވިދާޅުވެ ޔުމްނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. މި ޓްވީޓާއެކު އެސްއޯ ދެ ފުލުހުންގެ ފޮޓޯއެއްވެސް ޔުމްނާ ވަނީ ހިމަނުންވާފަ އެވެ.
Endherimaage balaa faas koh nimunu kamuge liyun @PoliceMv in vany rey havaalu kohfai. Dhen keevve baa SO 2 meehun migey kairy adhives mi thiby? @MNDF_Official 2 meehun ves adhives Endherimaageygai eba thibi. Hama security varugadha koh dheny tho? pic.twitter.com/TJRw9KgqJE
— Yumna Maumoon (@yumna_maumoon) January 28, 2018
ރައީސް މައުމޫން ދިރިއުޅުއްވާ ގެ ކޮޅު ކައިރީ ފުލުހުން ހަރަކާތްތެރިވާން ފަށާފައި މިވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން 191 ދުވަހު ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުމަށްފަހު މިދިއަ ބުރާސްފަތި ދުވަހު ދޫކޮށްލިތާ، 48 ގަޑިއިރުފަހުން އަލުން އޭނާ ހައްޔަރު ކުރިފަހުން ނެވެ.
ނަމަވެސް ފާރިސް ދިރިއުޅުއްވަނީ ފާރިސްގެ އަނބިކަނބަލުންގެ ގެ ސްނޯ ރޯޒް ގޭގަ އެވެ. އެންދެރިމާގޭގައި ފާރިސްއާ ގުޅުންހުރި އެއްވެސް ތަނެއް ނުހުންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް ފުލުހުން ވަނީ އެންދެރިމާގެ ބަލާ ފާސްކޮށްފަ އެވެ.
ރައީސް މައުމޫން ވިދާޅުވެފައި ވަނީ ފުލުހުން އެންދެރިމާގެއަށް ވަނީ ގާނޫނާ ހިލާފަށް، އެންދެރިމާގެ ބަލާ ފާސް ކުރުމުގެ އަމުރަކާ ނުލާ ކަމަށެވެ.