ޅ.ފެލިވަރު ކައިރީ އޮތް މިފްކޯގެ މަސް ބޯޓަކަށް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އާދިއްތަ ދުވަހުވެސް އެ ބޯޓުކައިރީ ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އާދިއްތަ ދުވަހުގެ 15:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ޑައިވަރުންގެ ޓީމާއެކު ފެން ހިއްކުމަށް ޕަންޕަކާއި އެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
"މިފްކޯ 101" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާން ފެށިއިރު ބޯޓުގައި 10 ދިވެހިންނާއި 14 ބިދޭސީއަކު ތިބިކަމަށް އެމްއެންޑީ އެފުން ބުނެއެވެ.
ހޯމަ ދުވަހު އެމްއެންޑީއެފުން ބުނީ އެ ބޯޓަށް ދިޔަވުން ކޮންޓްރޯލް ކުރުމަށް ބޯޓުގެ ބަނޑު ފިލާގަނޑުން ދިޔަވާތަން ބެއްދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާާޑް ސްކޮޑްރަންގެ ޑައިވަރުން ކުރަމުންދާ ކަމަށެވެ.