ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހއ. އިހައްވަންދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރީތައް ވާންފަށައިފި އެވެ.
ފެބްރުއަރީ މަހުގެ 2 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ މިޖަލްސާގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ދާދިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އދ. މާމިގިލީގައި ހާއްސަ ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތައް ބައިވެރިވެފައިވާއިރު، ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް ބައިވެރިވި އެވެ. މާމިގިއްޔަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރަށެވެ.
އިހަވަންދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާއްސަ ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާއިރު، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ތުހްމަތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަބްދުﷲ ޔާމީން މަގާމުން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.