މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އެސްޓިއޯއާ ހަވާލުކުރިއިރު އޮތް ހާލަތާ ގުޅޭ ގޮތުން ތައްޔާރުކުރި އޮޑިޓް ރިޕޯޓް އޮތީ ރައީސް އަބްދުﷲ ޔާމިންގެ މޭޒުކޮޅުމަތީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ބޮޑެތި ތުހްމަތުތަކެއް ކުރައްވައިފި އެވެ.
ރާއްޖެޓީވީން ގެނެސްދިން "ފަލަސުރުހީ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޝިނާން ވަނީ މިފްކޯގެ ހާލަތު ދަށަށް ގޮސް ދަރަންޏާއެކު އެސްޓިއޯއާ ހިންގަން ހަވާލުކުރިއިރު އެތަނުގެ ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓާ ގުޅިގެން އެއެއްވެސް މީހަކާމެދު ފިޔަވަޅުއަޅާފައިނުވަނީ ކީއްވެތޯ އޭނާ ސުވާލު އުފައްދަވާފަ އެވެ.
ޝިނާން އެ ވިދާޅުވާ ރިޕޯޓް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައިއެއްނުވެ އެވެ. ނަމަވެސް އެސްޓިއޯގެ ދަށަށް މިފްކޯ ގެންދިޔައީ ވަރަށް ބޮޑަށް ކުންފުނި ދަރަނިވެރިވެ ނުހިންގޭ ހިސާބަށް ދިއުމުންނެވެ. އަދި ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިނގާފައިވާ ކަމަށް ތުހްމަތު ކުރެވިފައިވެ އެވެ. މިފްކޯއަށް ފައިދާނުވެ ބޮޑެތި ގެއްލުންތައްވާން ފެށުމުން އެސްޓިއޯ ދަށަށް އެ ކުންފުނި ގެންދިޔައީ 2016 ވަނަ އަހަރު އެވެ. އަދި އޮޑިޓަރ ޖެނަރަލް މިފްކޯ އޮޑިޓްކުރުމަށްފަހު މި ސަރުކާރުއައިފަހުން ރިޕޯޓެއް އާންމުކޮށްފައިނުވެ އެވެ.
ކޮރަޕްޝަނުގެ މައްސަލަތަކުގެ ބައެއް ވާހަކަތައް ރައީސް އަބްދުﷲ ޔާމިނަށް ދަންވާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށްވެސް ސިނާން ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގަމުންދަނީ ރައީސް އަބްދުﷲ ޔާމިނަށް އެނގިވަޑައިގަންނަވައިގެންތޯ އެއީ ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިން ރައީސް އަރިހުގައި މަސައްކަތް ކުރަން ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ކޮރަޕްޝަނުގެ ގިނަ ކަންތައް ރައީސްގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ.
ޝިނާން ވިދާޅުވީ މި ސަރުކާރުގެ އިސްބޭފުޅުންނާއެކު މަސައްކަތް ކުރެއްވިއިރު ހުރިހާ ނުބައެއް ހަދާ މީހަކީ އޭނާ ކަމަށް ބުނެ ބައެއް މީހުން އޭނާއާ ދިމާލަށް ބަސްތައް ރައްދު ކުރި ކަމަށެވެ. އެހެން ނަމަވެސް އޭނާ ކަންކަން އިސްލާހް ކުރަން ސަރުކާރުގެ ތެރޭގައި ކުރި މަސައްކަތްވީ ބޭރުކާރު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި އިތުރަށް ބަހައްޓައިގެން "އަދުލުވެރިކަމެއް އިންސާފެއް ލިބިދާނެ ކަމަށް އުއްމީދު ކުރާނީ "މޮޔައެއް" ކަމަށް ވިދާޅުވި އެވެ.
މި މޭރުމުން އޭނާ ވާހަކަ ދައްކަވާފައިވާއިރު ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ބެލޭނެ ކޮމިޝަނެއް އުފެއްދުމަށާއި އެމަނިކުފާނު ވަގުތީ ގޮތުން ވެރިކަމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް އިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅުއްވާފަ އެވެ.