މި ވަގުތު އެންމެ މުހިންމު މަސައްކަތަކީ ވީހާވެސް އަވަހަކަށް މިހާރުގެ ސަރުކާރު ބަދަލުކުރުން ކަމަށާއި ރައްޔިތުންގެ ވޯޓަކާ ހަމައަށް ނުގޮސް ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކުން ވެސް އެކަން ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އޮތީ "ހިސޯރުކުރެވިފައި" ކަމަށެވެ. އަދި މަޖިލީސް ހުއްޓުވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކުގެ ކޮޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އެ ހުންނަވަނީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް. އެހެން މީހަކު ތިމަންނާއަކީ މެޖޯރިޓީ ލީޑަރަކީ ބުންޏަސް އެކަން އެގަބޫލެއް ނުކުރެވޭނެ. ސާޅީސް ފަސް މެމްބަރުން އެވަނީ ސޮއި ކުރައްވާފައިވާ ތިމަންނާމެން މި ތިބީ ސަރުކާރާ ދެކޮޅަށޭ، ރައްޔިތުންނާ އެއްކޮޅަށޭ. އެހެންވީމަ އެއީ މެޖޯރިޓީއަކީ،"
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ ދެކޮޅަށް އޮތް ނަމަވެސް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.
ޑރ. މައުސޫމް ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބީ އޮޅިފައި ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ސަރުކާރު ހިންގުމުގެ ވާހަކަ ދައްކަވާއިރު ރައްޔިތުންގެ މަޖިލީހުގެ ވާހަކަ ދައްކަވަނީ ކޮންމެވެސް ސަރުކާރުގެ ވަޒީރަކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށާއި ސަރުކާރު ހިންގާ ކޯލިޝަން ރޫޅުނުފަހުން ސަރުކާރުގެ ސައްހަކަންވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.