ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ (މެޑަމް ފާތުންގެ) ސޮދަގާތު ފައުންޑޭޝަނުން ދަނީ ސަރުކާރުގެ ކުންފުނިތަކުގެ ތަކެއްޗާއި މީހުން ބޭނުން ކުރަމުން ކަމަށް އެފައުންޑޭޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.
މެޑަމް ފާތުމަތު އިބްރާހިމްގެ ސޮދަގާތު ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލްއަކަށް ހުންނެވި ސިނާން ވިދާޅުވީ އެފައުންޑޭޝަން އުފެއްދެވީ އޭރު އެކަން އެއްވެސް އޮޑިޓިން ފާމެއް ނެތި ކުރިއަށްދާތީ، ކަންކަން އޮޑިޓް ކުރެވޭނެ ގޮތަކަށް ކުރުވުމަށް ކަމަށެވެ. އެފައުންޑޭޝަން ހެއްދެވިގޮތައް އެބޭނުމުގައި ކުރިއަށްދާނަމަ މައްސަލައެއް ނުނިކުންނާނެ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ އެކަންކަން ރަނގަޅު ކުރަމުންދިޔައިރު ވަރަށް ބައިވަރު ނުފޫޒްތައް ކުރިމަތިކުރުވި ކަމަށާއި މެޑަމްގެ ގާތުގައި ތިއްބެވި ފަރާތްތަކުން އެކަންކަން ރަނގަޅަށް ކުރުވާކަށް ބޭނުމެއް ނުވިކަމަށެވެ.
"ޚާއްޞަކޮށް ކަދުރުގެ މައްސަލައިގައި. އަޅުގަނޑު ދެންނެވިން ކީއްކުރަންތޯއޭ އެމްޢަރުޑީސީގެ ޕިކަޕެއް ގެނެސްގެން އެއަށް އަރުވަން ޖެހެނީ. އެއީ 300 އެއްހާ ރުފިޔާގެ ކަމެކޭ. ތީ ކީއްކުރަން ކުރާ ކަމެއްހޭ. މިދެންނެވިހެން އެއްވެސް ހަމައެއް އެއްވެސް އުސޫލެއް ނެތި ކަންކަން ކުރަމުން ދިޔައިމާ އެކަހަލަ ބަދުނާމްތައް އަންނަމުންދަނީ. އޭރު ރަނގަޅަށް ގެންދާކަށް މެޑަމްގެ ގާތުގައި ތިބި މީހުންވެސް ބޭނުމެއް ނުވި"
ސިނާން ވިދާޅުވީ މުޅި ނިޒާމް އެއޮތީ ބޮއްސުން ލާފައި ކަމަށާއި ވެގެން މިދަނީ އެކަންކަން ބަލާނެ މީހަކު ނެތީމުން ވާނެގޮތް ކަމަށެވެ.
ރައީސް ޔާމީނާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ ސިނާން ވިދާޅުވީ ޝަރީއަތުން ނިންމާގޮތް ވާންވާނީ އިންސާފަށް ކަމަށާއި ކޮންމެ ދިވެހި ފަރުދެއްގެ މައްސަލައެއްވެސް ނިމެންވާނީ އެންމެ އިންސާފުން ކަމަށެވެ. މިއީ މުޅި ޤައުމާއި މުޅި މުޖުތަމައުގެ ހައްގުގައި ނިންމަން ޖެހޭ ވަރަށް ޚައްސާސީ މައްސަލައެއް ކަމަށާއި އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ނިމިގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ ގިނަ ކަންކަމަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހުރި ކަންކަން ކަމަށާއި ބައެއް ކަންކަމަކީ ސީދާ ރައީސް ޔާމީން ވިދާޅުވެފައިހުރި ކަންކަން ކަމަށެވެ.