ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަށް، ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.
ރައީސް މައުމޫން، މިނިސްޓަރު ޝައިނީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނީ ރައީސް މައުމޫނު ވިޔަސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން އެނގިވަޑައިގަންނަވަން ވެއްޖެކަމަށް ވިދާޅުވެ މިނިސްޓަރު ޝައިނީ ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ. އެ ޓިވީޓުގައި ޝައިނީ ވަނީ ޤާނޫނު ނަމްބަރު 2009/02 އާއި ހަވާލާދެއްވައި އެ ޤާނޫނުގެ ދަށުން ބަޤާވާތްކުރުން ހުއްދަތޯ ސުވާލު އުފައްދަވާފަ އެވެ.
Even Ex-Presidents cannot hide behind the law or defy court orders n laws. Does law 2/2009 allow your Excellency to call for a coup as well? No one is above the law. Time to realize “Ex”.
— Mohamed Shainee (@mshainee) January 28, 2018
މިނިސްޓަރު ޝައިނީ ޤާނޫނު ނަމްބަރު 2009/02 ހަވާލާދެއްވައިފައިވަނީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނަކީ އެއީ ކަމަށް ޤަބޫލުކުރައްވައި ގެނެނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މިހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ޤާނޫނު ނަމްބަރަކީ 2009/09 އެވެ. އެކަން ފާހަގަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ ހަޤީޤަތް ނުބަލާ އެމަނިކުފާނަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކުރަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އަދި އެމަނިކުފާނު އެއްވެސް އިރެއްގައި 2009/02 ނަމްބަރު ޤާނޫނާއި ހަވާލާދެއްވާފައިނުވާނެކަމަށާއި، އެމަނިކުފާނު ހަވާލާދެއްވާފައިވަނީ 2009/09 ނަމްބަރު ޤާނޫނާއި ކަމަށެވެ.
އޭގެއިތުރުން ރައީސް މައުމުން ވިދާޅުވީ، އެއްވެސް އިރެއްގައި ޤާނޫނުން ބޭރުން ވެރިކަން ބަދަލުކުރުމަށް އެމަނިކުފާނު ގޮވާލައްވާފައިނުވާނެ ކަމަށެވެ. ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރެވޭނެގޮތްތައް ޤާނޫނު އަސާސީގައި ކަޅާ ހުދުން ލިޔެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަޤީޤަތް ބެއްލެވުމަށްފަހު ވާހަކަދެއްކެވުމަށް ރައީސް މައުމޫން ނަސޭހަތްތެރި ވެވަޑައިގެންފައިވެއެވެ.
I wonder why some people who enjoy attacking me do so without checking facts, at least to avoid embarrassment. I never said Law 2/2009 but 9/2009. Further I never called to act outside the law. Our Constitution explains in black & white how to change a regime! Know your facts! pic.twitter.com/ucA0T9dYGo
— Maumoon Abdul Gayoom (@maumoonagayoom) January 28, 2018
ޤާނޫނު ނަމްބަރު 2009/09 އާއި ހަވާލާދެއްވާ ރައީސް މައުމޫން ކުރިން ކުރެއްވި ޓުވީޓްގައި ވަނީ އެ ޤާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އެ މީހެއްގެ އަނބިމީހާ/ފިރިމީހާ އަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފްއިން ފޯރުކޮށްދޭންޖެހޭނެކަމަށް ބުނެފައިވާކަމަށެވެ. އެހެންކަމުން ފުލުހުން ބޭނުން ވަގުތެއްގައި އެމަނިކުފަނު ގެޔަށް އާއިލާއަށް ނުރައްކާވިޔަދެނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފަ އެވެ.