ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ހައްޔަރުކުރުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކެއްގެ އެދުމަށްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން، އެކަން ކުށްވެރިކޮށް ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ފާރިސް މައުމޫން ހައްޔަރު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށާއި ވެރިކަން ވައްޓާލަން އުޅޭކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ޤާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާ ޙާސިލުކުރުމަށް ކަމަށެވެ. އަދި މިފަހަރުވެސް ނުކުރާ ކުށަކަށް, ނުފަށާ ޝަރީޢަތަކަށް ބޭއިންސާފުން އެމަނިކުފާނަށް މި ސަރުކާރުން އެދަނީ އަނިޔާ ދެމުންކަމަށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ފާރިސް އާއި ގުޅުން ހުރި ތަނެއް ކަމަށް ބުނެ ހެކި ހޯދުމަށްޓަކައި ހަމަ އެދުވަހު މ. އެންދެރިމާގެ ބަލާ ފާސްކުރުމަށްފަހު ހަމަ އެކޯޓު އަމުރުގެ ދަށުން އެގެޔަށް 2 ފަހަރަކު ވަންނަން ޤާނޫނާ ޚިލާފަށް މަސައްކަތް ކޮށްފައިކަމަށް ޕާޓީތަކުން ބުނެފައިވެއެވެ. އަދި އެންދެރިމާގެ ބަލާ ފާސްކުރި އިރުވެސް ފުލުހުން ހޯއްދަން މަސައްކަތްކުރި އެއްވެސް އެއްޗެއް ފެނިފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕާޓީތަކުން ބުނީ ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ކަމަށެވެ.
"އެ ގޮތުން އެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންނަށް އެ މަނިކުފާނު ރިޝްވަތު ދެއްވި ކަމަށް ބުނާ އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ބުނެ، އެ މަނިކުފާނު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވަމުން އެ ގެންދަވަނީ އޭގެން އެއްވެސް މެންބަރަކަށް ފާރިސް މައުމޫން ރިޝްވަތު ހުށަހަޅުއްވާފައި ނުވާނެކަމަށާއި އެ މެންބަރުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވަނީ އެ މެންބަރުންގެ އަމިއްލަ އިޚުތިޔާރުގައި އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ."
ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ ފާރިސް މައުމޫން ހައްޔަރުކޮށް، ހެދިފައިވާ ޤާނޫނު ތަކުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭގައި ޢަމަލު ކުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާކަމަށެވެ. އަދި އޭގެ އިތުރުން، ސަރުކާރުގެ ތަރުޖަމާނު ހާމަކޮށްފައިވާގޮތުގައި ފާރިސް މައުމޫން ހައްޔަރު ކުރުމަށް ރައީސް ޔާމީނު އަންގަވާފައި ވާތީ، މިއީ ސީދާ ސަރުކާރުން ކަމާގުޅުން ހުރި ހުރިހާ މުއައްސަސާ ތަކަކަށް ނުފޫޒު ފޯރުވައިގެން ހިންގާ ސިޔާސީ ޖަރީމާ ތަކެއްގެ ގޮތުގައި ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ފާރިސް މައުމޫން ހައްޔަރުކުރުމަށް ސީދާ ރައީސް ޔާމީނާއި ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކެއް މަސައްކަތް ކޮށްފައިވާ ކަމަށް އެމަނިކުފާނު ހައްޔަރު ކުރުމުގެ ކުރިން ދެއްވި އިންޓަރވިއުގައި ވަނީ ހާމަކުރައްވާފައެވެ. ވީމާ މިސަރުކާރުގެ މި ހުދުމުހުތާރު ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ."