އިތުރު މީހަކު މަޤާމަށް ގެނައުމުގެ ހުއްޖަތެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި، ފުރަތަމަ ކަމަށް ނައިބު ރައީސްކަމުގެ މަޤާމުން އެމަނިކުފާނު ވަކިކުރިކުރުން އެއީ ސައްހަ ނޫން ނިންމުމެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާއިރު، އެ މައްސަލައާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަސްދޮޅަސް މިނެޓް" ގައި ވާހަކަދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކުން މިސާލު ލިބިގަނެގެން ޑިމޮކްރަސީ ރީތި މަގު އިހުތިޔާރުކުރާ ޤައުމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ. އަދި ޤާނޫނު އަސާސީއާއި ޤާނޫނުގެ ތެރެއިންވެސް ދިވެހި ސަރުކާރުން ހިނގުމަށް ބޭނުން ނުވެ، އެކަމަށްވެސް އިންކާރުކުރަމުންދާކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިނުގެން، މަޤާމުން 2015 ވަނަ އަހަރު ވަކިކުރެއްވި ޑރ. ޖަމީލް ވިދާޅުވީ މިހާރު މި އޮތް މަޖިލީސް އެތުރިފައިވާގޮތަށް ބަލާއިރު މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަދެވަޑައިގެންފިކަމުގައިވާނަމަ ވަރަށް ގިނަ ކަންތައްތަކެއް ތަފާތު ވެގެންދާނެކަމަށް ޤަބޫލު ކުރައްވާކަމަށެވެ.
"ހަމަ އެޔާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ރާއްޖޭގެ ރައްޔިތުންނަށް އަދި މިކަމުގައިވެސް އަޅުގަނޑުމެންގެ އިހުލާސްތެރިކަމެއް ހުރިކަމުގައިވާނަމަ ހަޤީޤަތުގައި އަޅުގަނޑުމެން ދެކެން އެބަޖެހޭ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ނުބައިކޮށް އަޅުގަނޑު ވަކިކުރިކުރުން އެއީވެސް ސައްޙަކޮށް ކުރިކަމެއް ނޫންކަން ކަނޑައަޅަންޖެހޭ. އެހެންވީމާ އިތުރު މީހަކު މަޤާމަށް ގެނައުމުގެ ހުއްޖަތެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން"
ޖަމީލް ވިދާޅުވީ ދައުލަތުގެ އެންމެ އިސް ފަރާތުން ހިންގާ ކަންކަމަކީ ރައްޔިތުންނަށް ސިއްރު ކަންތައްތަކެއް ނޫން ކަމަށެވެ. އެގޮތުން ހައްޤުތައް ހަނިކޮށް، ޤާނޫނު އަސާސީގެ ބޭރުން ކަންތައްކޮށް، ވައްކަމާއި ކޮރަޕްޝަން ފެށިގެން އަންނަނީ ކޮން ހިސާބަކުންކަން ހުރިހާ ރައްޔިތުންނަށްވެސް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޤައުމު އެންމެ މީހަކަށްވުރެ ކުޑަވެފައިވުންކަމަށެވެ. އަދި އެއީ ކަންތައް ވެގެންވާނެ ގޮތް ނޫންކަމަށް ޖަމީލް ވިދާޅުވި އެވެ.