މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށާއި ނަމަވެސް ސާނަވީ އިމްތިހާނުގައި އިސްލާމް މާއްދާއިން ދަރިވަރުން ހޯދާފައިވާ ނަތީޖާ ދައްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އޯލެވެލް އިމްތިހާނުގެ ނަތީޖާއާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ 2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވެރިފައި ވަނީ 70 ޕަސެންޓް ދަރިވަރުން ކަމަށާއި މިދިޔަ 2017 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް އިތުރުވުމަކީ ދަރިވަރުންގެ ތައުލީމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ކުރީ އަހަރަށް ވުރެ މިދިޔަ އަހަރު ހަތް ޕަސެންޓްގެ ކުރިއެރުމެއް ދަރިވަރުން ހޯދާފައިވަނީ ދަރިވަރުންގެ އިތުރުން ޓީޗަރުންނާއި ބެލެނެވެރިން އަދި ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވީ ސާނަވީ އިމްތިހާނުގެ ދިވެހި މާއްދާގެ ނަތީޖާ އެހެން އަހަރުތަކާ އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު އިސްލާމް މާއްދާއިން މިދިޔަ އަހަރުގެ ނަތީޖާ ދަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިތުރަށް ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރާއިރު، މިޓީޗަރުންގެ ތެރޭގައި ދިވެހި، އިސްލާމް ކިޔަވައިދޭނެ ޓީޗަރުން ތަމްރީން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ތަމްރީންވާ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރެވޭ ހިސާބުން ކުދިންގެ ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް އިތުރަށް ވިދާޅުވީ ތިން މާއްދާއިން ފާސްވި ނިސްބަތް 92.8 އިންސައްތައަށް އަރާފައިވާއިރު "ޔޫ" ގްރޭޑް ލިބުނު ނިސްބަތް ވަނީ ހަތް އިންސައްތައަށް ދަށްކުރެވިފައި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މިދިޔަ އަހަރު މާލެއާއި އަތޮޅުތަކުގެ ސްކޫލުތަކާއި އަމިއްލަ ސެންޓަރުތައް ހިމެނޭގޮތުން ޖުމްލަ 197 ތަނެއްގައި މަތީސާނަވީ އިމްތިހާނު ކުރިއަށް ގެންގޮސްފައިވާއިރު 5587 ދަރިވަރުން ވަނީ އިމްތިހާނުގައި ބައިވެރިވެފަ އެވެ.