ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަބްދުﷲ ޔާމީން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދުއާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހު އެވެ.
މި މައްސަލައާ ގުޅޭގޮތުން އާދިއްތަ ދުވަހުގެ ހަވީރު، ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރާއި ހަވާލާދީ ކަމަށެވެ.
އެ މާއްދާގައިވާ ގޮތުގައި، އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވެއްޖެ ހާލަތަކާއި އަދި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ޔާމީންގެ ނުފޫޒުން ދައުލަތުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، އެތަންތަނަށް މިނިވަންކަމާއެކު، ރައްޔިތުންގެ ގައުމުގެ މަސްލަހަތުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި ގައުމުގެ މަސްލަހަތުގައި، ގޮތް ކަނޑައެޅުމުގެ ބާރު ލިބިފައިވާ ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާ ކަމުގައިވާ ސުޕްރީމް ކޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައި، މި މައްސަަލަ ހުށަހަޅަން ޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާތީ، ދިވެހިރާއްޖެ ވެއްޓިފައިވާ ފުން އަނދަވަޅުން ގައުމު ސަލާމަތްކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ގައުމު ހަމަމަގަށް އެޅުވުމަށްޓަކައެވެ.
ރައީސް ޔާމީނު ދިވެހި ދައުލަތުގެ މުދަލާއި ފައިސާއިން ނާޖާއިޒު ގޮތުގައި ފައިދާއާއި މަންފާ ހާސިލު ކުރައްވަމުން ގެންދާ ދިއުން ހުއްޓުވުމަކީ، ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އޮޑިޓަރ ޖެނެރަލަށް ނުވަތަ ޕްރޮސަކިއުޓަރ ޖެނެރަލަށް ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާއަށް ވެސް ރައީސުލްޖުމްހޫރިއްޔާ ދައްކަވާފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ ކުރެވިދާނެ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ބަޔާނުގައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި، ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށެވެ. އަދި އެ ތަހުގީގު ނިންމުމާ ހަމައަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުން ރައީސް ޔާމީން އުޒުރުވެރިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ. އަދި ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.