ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކާއި ޔޫތު މިނިސްޓްރީގެ ދެ ކޯޑިނޭޓަރަކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނަޒީލާއި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ހުސައިން އަމީން އަދި މުހައްމަދު މިމްރާހެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަމީނާއި މިމްރާހް އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހޭތީ އެވެ.
މިކަމާ ގުޅޭ ގޮތުން އަމީން އާއި މިމްރާހްގެ ބަހެއް ރަސްމީކޮށް ނުލިބެ އެވެ.
ނަޒީލް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާދެއްވީ ސިޔާސީ ހަރަކާތަކުގައި ބައިވެރިވުމަށް ވަގުތު ހޯދުމުގެ ގޮތުން ނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ޔާމީންގެ ކެމްޕޭއިން ހަރަކާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ކަން ފާހަގަކުރަމުން ނަޒީލް ވިދާޅުވީ ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަށް އަމާޒުވާކަމަށެވެ.
ނަޒީލަކީ އައްޑޫ ސިޓީ ހައުސިންގް މިނިސްޓްރީގެ ގޮފީގައި މަސައްކަތް ކުރާ އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށެވެ. ނަޒީލް އިސްތިއުފާ ދެއްވުމުން މިހާރު އައްޑޫ ސިޓީގައި މިހާރު ތިއްބަވަނީ ހައުސިންގ މިނިސްޓްރީގެ ތިން ކޯޑިނޭޓަރުނެވެ.