ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން ވަކިކުރެއްވުމަށް، ސުޕްރީމް ކޯޓަށް އާދީއްތަ ދުވަހު ހުށަހަޅުއްވައިފިއެވެ.
ދުސްތޫރީ މައްސަލައެއް ގޮތުގައި ރައީސް ޔާމީން މަގާމުން ވަކިކުރެއްވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް އެ ކޯޓަށް ވަޑައިގެންނެވި ގާނޫނީ ވަކީލުންގެ ތެރޭގައި ހިސާން ހުސައިން އާއި ސަފާ ޝަރީފު ވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މަގާމުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ އެމަނިކުފާނުގެ މައްޗަށް ތުހަތު ކުރެވޭ ވައްކަމާއި ރިޝްވަތުގެ ތުހުމަތުގައެވެ.
Raees Maumoon, Hon Gasim, Uz. Ali Zahir adhi alhugan'du SC ah Raees Yameen ge corruption aai vakkamuge massala eh hushahalhaifin. Alugan'dumen SC gai edhunee RY maqaam in dhurukurumah.
— Mohamed Nasheed (@MohamedNasheed) January 28, 2018
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ރައީސަކު މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ގާނޫނޫއަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންނެވެ. ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނަނީ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. އެފަދަ ނިންމުމެއް ނިންމަންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ތިބެގެން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ. އަދި އެގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ނުވާނެ ކަންތައްތަކެއްގެ ގޮތުގައި ގާނޫނުއަސާސސީގެ 119 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސަކަށް ހުންނަ މީހަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭ ފަދަ އެނޫން ވެސް މަގާމެއް ފުރައިގެނެއް ނުވާނެ ކަމަށެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި 119 ވަނަ މާއްދާގައި ބުނެފައިވެއެވެ.
ގާނޫނުއަސާސީގެ 119 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވަޒީފާ ދީފައިވާ މީހަކު އެ މީހެއްގެ މަގާމު ނުވަތަ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު، ނާޖައިޒު ގޮތެއްގައި އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ވިޔަސް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ