ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން، ބަންދުން ދޫކޮށްލުމަށް، ކޯޓަށް ހާޒިރުކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިއްޖެއެވެ.
ފާރިސްގެ ފަރާތުން އާދީއްތަ ދުވަހު ހޭބިއަސް ކޯޕަސްގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ފާރިސްގެ ވަކީލު އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވީ، އެ އެދުމާއި ގުޅިގެން ކޯޓުން ކުރަންޖެހޭ ސްކްރީނިންގގެ މަސައްކަތް އަވަސްކޮށް، އާދީއްތަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބާއްވައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ހޭބިއަސް ކޯޕަސް އަކީ ބަންދުގައި ހުންނަ މީހަކު ގާޒީއެއްގެ ކުރިފުޅުމައްޗަށް ހާޒިރު ކުރުމަށް ނެރޭ އަމުރެކެވެ. އާންމުކޮށް މި އަމުރު ނެރެނީ ބަންދުގައި ހުރި މީހާ، ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބުތަކެއް ނެތްނަމަ އޭނާ ދޫކޮށްލުމަށެވެ.
ފާރިސްގެ ފަރާތުން ހޭބިއަސް ކޯޕަސްއަށް އެދިފައިވާއިރު، މި މައްސަލައިގައި ފާރިސްގެ ފަރާތުން ވަނީ އޭނާ މިނިވަންކުރަންޖެހޭ ސަބަބުތައްވެސް ކޯޓަށް ހުށަހަޅާފައެވެ.
އެގޮތުން ފާރިސްގެ ފަރާތުން ޖުމްލަ 8 ކަމެއް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެއީ؛
- ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުން
- ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައިވަނީ، އަދި އެ އަމުރު ތަންފީޒުކޮށްފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށް ކަމަށްވުން
- ފާރިސް ހާއްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަނެ، ސައްޚަ ނޫން ތުޙުމަތެއްގައިކަން
- ފާރިސް ހައްޔަރުކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ތުޙުމަތެއްގައިކަން
- ފާރިސްގެ ބަނދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ޤާނޫނީ ގޮތުން ސައްޙަނޫން ހުށަހެޅުމެއްކަން
- ފާރިސް މައުމޫންގެ ބަންދު އަމުރު ނެރުއްވުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤު ނިގުޅައިގެންފައިވާކަން
- ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައިވަނީ އަދި އެ އަމުރު ތަންފީޒުކޮށްފައިވަނީ ޤާނޫނީ ހުރަސްތަކެއް ހުރެމެ، އެކަމަށް ރިއާޔަތް ކުރެއްވުމެއްނެތި، ޤާނޫނުގެ ރައްކާތެރިކަން ގެއްލޭގޮތަށް ކަމަށްވުން
- ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 207 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ބ) އަށް ބެލުމުން ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މީހަކަށްވެސް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެކަން
ރިޝްވަތު ހުށަހެޅުމުގެ ތުޙުމަތުގައިގައި ޝަރީޢަތް ނިމެންދެން ހައްޔަރުކުރިތާ 191 ދުވަސް ފަހުން ފާރިސް މިނިވަންކުރިއެވެ. އަދި މިނިވަންކުރިތާ 50 ގަޑިއިރުފަހުން، ހޮނިހިރު ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހި ކަމާއި، މަޖިލިސް މެންބަރުންތަކަކާއި ގުޅިގެން ޤާނުނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުޙުމަތުގައެވެ. ފާރިސްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ހޮނިހިރު ދުވަހުގެރޭ ފާރިސްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.