ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ހިންގަނީ ހާއްސަ ޓީމަކުން ކަމަށާއި އެ ޓީމުގެ މަސައްކަތް ކުރިއަށްދަނީ އިސް ދެ ބޭފުޅެއްގެ ބެއްލެވުމުގެ ދަށުން ކަމަށް ފުލުހުން ބުނެފިއެވެ.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފާރިސްގެ މައްސަލަ ތަހުގީގު ކުރާ ޓީމުގެ މަސައްކަތް ކުރިއަށް ދަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޓީސީޕީ) އަހުމަދު ސައުދީ އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު މުހައްމަދުގެ ބެއްލެވުމުގެ ދަށުން ކަަމަށެވެ.
ފާރިސްގެ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދާ ތަހުގީގުތަކާ ގުޅޭ މައުލުމާތު، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ހިއްސާ ނުކުރާ ކަމަށް ދެކެވޭ ވާހަކަތައް ޝިފާން ވަނީ ދޮގު ކުރައްވާފައެވެ.
ޝިފާން ވިދާޅުވީ އަރީފު ހުންނެވި ފުރިހަމަ އިހްތިޔާރާއެކު މަގާމުގައި ކަމަށެވެ. ސީޕީ އަރީފާ ގުޅޭ ގޮތުން މީޑިއާތަކުގައި ސުވާލު އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ފުލުހުންގެ ހުރިހާ ކަމެއް ހިނގަމުން ދަނީ ސީޕީ އަރީފުގެ ގާނޫނީ ކޮމާންޑުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުންދަނީ ސީޕީގެ ކޮމާންޑު އަދި ކޮންޓްރޯލްގެ ދަށުން. މި މުއައްސަސާގެ ތެރޭގައި އެއްވެސް ނުތަނަވަސް ކަމެއް ނެތްކަން ހުރިހާ ފަރާތްތަކަށް ޔަގީންކޮށްދެން،" ޝިފާން މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައިވެއެވެ.
ޝިފާން އެގޮތަށް ވިދާޅުވެފައިވަނީ ފާރިސް ހައްޔަރު ކުރުމުގެ ކުރިން ސީޕީ އަރީފު އޭނާއާ ބައްދަލު ކުރި ކަމަށް ބުނެފައިވަނިކޮށެވެ. ނަމަވެސް އަރީފު އެ ވާހަކަ ދޮގު ކުރައްވާފައި ނުވާއިރު، ފުލުހުން ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.
އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ސީދާ ރައީސް ޔާމީން ފުލުހުންނަށް އަންގަވަމުން ގެންދަވާ ކަމަށެވެ. ފާރިސް އެހެން ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައި ވަނީ ފާރިސް ހައްޔަރު ކުރުމަށް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒުކޮށްދިނުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.
ފާރިސް ހައްޔަރު ކުރުމަށް ރައީސް ޔާމީން ފުލުހުންނަށް އެންގެވި ހިސާބުން، ފުލުހުންގެ މުއައްސަސާގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.