ރާއްޖެ އެތެރެ ކުރި ރޭސިން ސައިކަލްތަކެއް މާލޭގެ ވިޔަފާރި ބަނދަރަށް ބޭލުމަށް ފަހު އެ ސައިކަލްތައް ދޯންޏަކަށް އަރުވައިގެން ވަގަށް ބޭރުކުރި މައްސަލައިގައި އެމްޕީއެލުން ވަކިކުރި މުވައްޒަފަކަށް ދައުލަތުން ބަލަދު ދޭން ޖެހިއްޖެ އެވެ. އޭނާއަށް ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހިފައި ވަނީ 39،520 ރުފިޔާއެވެ.
މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހު އެމްޕީއެލްގެ ގުދަނުން ރޭސިން ސައިކަލްތަކެއް ގެއްލުނު މައްސަލާގައި އިހްމާލުވި ކަމުގެ ތުހުމަތުގައި ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރިއެވެ.
އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަމަށް ބުނެ، ވަޒީފާ އަނބުރާ ހޯދައި ދިނުމަށާއި އެ ދުވަސްތަކަށް ޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އެމްޕީއެލްގެ މައްޗަށް މީހަކު ވަނީ ދައުވާ ކޮށްފައެވެ. އެ ކުންފުނީގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އެމްޕީއެލްގެ އެސިސްޓެންޓް ސެކިއުރިޓީ އޮފިސާ ގްރޭޑް 1ގެ މަގާމު އަދާކުރި މާލިކު އަބޫބަކުރެވެ.
މާލިކު ހުށަހެޅި މައްސަލައަކާ ގުޅިގެން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ ވަޒީފާއިން އޭނާ ވަކިކުރުމުގައި އަދާކުރަން ޖެހޭ އިޖުރާއަތުތައް އެމްޕީއެލުން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މާލިކަކީ އެތައް ފަހަރެއްގެ މަތިން އެމްޕީއެލުން ނަސޭހަތް ދީފައިވާ މީހެއްކަން އެނގޭ ކަމަށާއި އެހެންކަމުން އޭނާގެ ވަޒީފާ އަލުން ރުޖޫއަ ކުރާނެ ތަނެއް ނެތް ކަމަށް އެ ނިންމުމުގައިވެއެވެ.
ނަމަވެސް އޭނާ އަދާކުރި ވަޒީފާގެ ބާވަތަށް ބަލައި އެންމެ އަދުލުވެރި ގޮތަކީ އެކަށީގެންވާ ބަދަލެއް ނަގައިދިނުން ކަމަށް އެ ނިންމުގައި ބުނެފައިވެއެވެ. އެ ގޮތުން ބަދަލުގެ ގޮތުގައި 39،520 ރުފިޔާ 20 ދުވަހުގެ ތެރޭގައި އެކީއެއްފަހަރާ ދައްކައި ހަލާސްކުރުމަށް އަމުރު ކުރާ ކަމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދޯންޏެއްގައި އެމްޕީއެލްގެ ބަނދަރަށް ވަދެ، އެތަނުގެ ގުދަނުގެ ތެރެއިން ރޭސިން ސައިކަލުތަކެއް ވަގަށް ނަގައިގެން ދިޔަ ވަގުތު އެތަނުގެ ބައެއް ސެކިއުރިޓީ އޮފިސަރުން ތިބީ ފޯނާ ކުޅެންށެވެ. އަދި ސެކިއުރިޓީ އޮފިސަރުންގެ އަމަލުތައް ފެންނަ މަންޒަރު އެތަނުގެ ސީސީޓީވީ ކެމެރާއަށް އަރާފައިވާއިރު، ދޯންޏަކަށް ރޭސިން ސައިކަލުތައް އަރުވައިގެން ދިޔަ މަންޒަރު ވެސް އެތަނުގެ ކެމެރާއަށް އަރާފައިވެއެވެ. ސައިކަލުތައް ވަގަށް ނެގި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.