ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ކުރިއަށް ގެންދަނީ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އާދަމް އާރިފަށް އެނގިވަޑައިނުގެން ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފާރިސްއާ ގުޅޭ ކޯޓު އަމުރުތައް ކްރިމިނަލް ކޯޓުން ނެރުއްވިއިރު، އެ ކޯޓުގެ އިސް ގާޒީ އާރިފު ހުންނެވީ ދެ ދުވަހުގެ ކުރު ޗުއްޓީއެއްގައެވެ. ފާރިސްގެ ބަންދާ ގުޅޭ މައްސަލާގައި އިއްޔެ ގޮތް ނިންމާފައި ވަނީ ސިޔާސީ އިސް ބޭފުޅުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ބައްލަވާ އާރިފަށް އެނގުމެއް ނެތި ކަމަށް ވެސް އެނގިފައިވެއެވެ.
ފާރިސްއާ ގުޅުންހުރި މައްސަލައިގެ ތަހުގީގުތަކާއި ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ސީޕީ އަރީފާ މަޝްވަރާކޮށްފައި ނުވާއިރު، ތަހުގީގަކަށް ހާއްސަ ޓީމެއް ފުލުހުންގެ ތެރެއިން ނަގާފައިވާ ކަމުގެ މައުލޫމާތު ވެސް އިތުބާރު ހުރި ގޮތެއްގައި ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ. އެއަށް ބާރު ލިބޭ ވާހަކަތަކެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަހުމަދު މަހުލޫފު ވަނީ ޓްވީޓު ކުރައްވާފައެވެ.
މަހުލޫފު ވިދާޅުފީ އެ ޓީމު މެދުވެރިކޮށް ހާއްސަ ތަހުގީގެއް ކުރިއަށް ގެންދިއުމަށް، ޑެޕިއިޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީގެ ދަށުން، ސްޕެޝަލިސްޓް ސަޕޯޓްގެ ހެޑް އޭސީޕީ އަހުމަދު މުހައްމަދާ ހަވާލުކޮށްފައިވާ ކަމަށެވެ.
Fuluhun balamundha massala eh belumah khaassa teameh ekulavaalaa Deputy Commissioner of Police Ahmed Saudhee ge dhashun e massalaige thahgeegu ge huriha kameh bellevumah Specialist Support ge Head ACP Ahmed Mohamed ah miadhu vany havaalu koffa @PoliceMv pic.twitter.com/5ut67eVG1j
— Ahmed Mahloof (@AhmedMahloof) January 27, 2018
ފާރިސާ ގުޅޭ ނިންމުންތައް ކްރިމިނަލް ކޯޓުން ނިންމުމުގައި ގާޒީ އަރީފާ ބާކީކޮށްފައިވާއިރު، ފާރިސް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ ފާރިސް ބަންދުން ދޫކޮށްލި ދުވަހު އެ ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގެންނެވި ހުސައިން ޝަހީދުއެވެ.
ފާރިސް އިއްޔެ ވަނީ ސީޕީ އަރީފާ ވެސް ބައްދަލުކޮށްފަ އެވެ. ނަމަވެސް މިކަން ފުލުހުން ދޮގުކުރެ އެވެ.
ސީޕީ އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ސީދާ ރައީސް އަބްދުﷲ ޔާމީން، ތަކުރާރުކޮށް އަންގަވަމުން ގެންދަވާ ކަމަށެވެ. ފާރިސް އެހެން ވިދާޅު ވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފާރިސް ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރެއް ތަންފީޒުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.
ފާރިސްގެ މައްސަލައިގައި ސީޕީ އަރީފް މަގާމުން ވަކިކުރި ވާހަކަތަކެއް އިއްޔެ ފެތުރުނެވެ. އެކަން ފުލުހުން ދޮގުކޮށްފައިވާއިރު، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަ ހެރިކޮށްފައިވާކަމުގެ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ.