ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުން ކަމަށާއި، ބަންދުގެ އަމުރުގެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ފާރިސްގެ ބަންދަށް 15 ދުވަސް ޖެހި މުއްދަތު މަޖިލީހަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ މުއްދަތު މަޖިލީހުގައި ޕީޖީގެ ފަރާތުން ދެއްކެވި ވާހަކައިން ފާހަގަ ކުރެއްވުނީ ކޮންމެ ގޮތަކުންވެސް ފާރިސް ހައްޔަރުކުރުން ކަމަށާއި ޕީޖީން މިފަހަރުވެސް އެދިވަޑައިގެންނެވީ ނުފަށާ ތަހުގީގެއް އަދި ނުފަށާ ޝަރީއަތެއް ނިމެންދެން ހައްޔަރުގައި ބަހައްޓަން ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށާއި އެޕާޓްމެންޓް ބަލައި ފާސްކުރަން ނެރުނު އަމުރުގައިވާ މިންވަރަށް ވުރެ އިތުރު މައުލޫމާތެއް މުއްދަތުގެ މަޖިލީހުން ވެސް ފާރިސްގެ ވަކީލުންނަށް ދެއްވާފައިނުވާ ކަމަށާއި ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ވާހަކަ އަމުރުގައި އޮތް ނަމަވެސް މުއްދަތުގެ މަޖިލީހުގައި އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަމަށެވެ.
ފާރިސްގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފާރިސް ހައްޔަރުކުރީ ކުރީގެ މައްސަލައިގައިތޯ ނުވަތަ މުޅިން އާކަމެއްގައިތޯ ތަކުރާރުކޮށް ސުވާލު ކުރެއްވި ކަމަށާއި އެކަމަށް ދެއްވި ޖަވާބުގައި މިފަހަރު ހައްޔަރު ކުރެވުނީ މިދިޔަ އަހަރުގެ މެއި މަހުގައި ހިނގި ކަމާ ގުޅޭ މުޅިން އާ ކަމެއްގައި ކަމަށެވެ. އެހެން ނަމަވެސް އެ އާ ކަމަކީ ކޮބައިކަމެއް ވިދާޅު ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ހަމައެކަނި އޮތީ މައްސަލަ ހުށަހެޅި މީހާ ދީފައިވާ ބަޔާން ކަމަށާއި އެއީ ސިއްރު ހެއްކެތް ކަމަށް ޕީޖީގެ ވަކީލުން ވިދާޅުވި ކަމަށެވެ. ޝަރީއަތް ފެށުމުގެ ކުރިން ސިއްރު ހެއްކެއް ނޯންނާނެ ކަމަށް ފާރިސްގެ ޤާނޫނީ ޓީމުން ފާހަގަ ކުރުމުން، ލިބިފައި އޮތީ ހަމައެކަނި މައްސަލަ ހުށަހެޅި މީހާގެ ބަޔާންކަމަށް ވިދާޅުވި ކަމަށާއި އެކަމުން ދޭހަވަނީ އެއީ މައްސަލަ ހުށަހެޅި މީހާއަކީވެސް އަދި އެވިދާޅުވާ ސިއްރު ހެއްކަކީ ވެސް އެކަކުކަން އެނގުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ގޮތުން ދެ ދުވަހު އެއް ފަނޑިޔާރަކަށް އަމުރެއް ނުދެއްވޭނެ ކަމަށާއި ނަމަވެސް ފާރިސް ހައްޔަރު ކުރުމުގެ އަމުރު ދެއްވުމުގެ އިތުރުން އެ އަމުރު ރަނގަޅުކަމަށް ނިންމެވީވެސް އެއް ފަނޑިޔާރަކު ކަމަށެވެ.
ފާރިސް ހައްޔަރުކުރީ، ހަ މަސް ދުވަހުގެ ޖަލު ބަންދަށް ފަހު ކްރިމިނަލް ކޯޓުން ދޫކޮށްލިތާ ދެ ދުވަސް ފަހުންނެވެ. އަދި އިންތިޚާބުގެ ކުރިން ވެރިކަން ބަދަލުކުރަން ތާއިދުކުރައްވާ ކަމަށް ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.