ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތަޙްގީގް އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުންޏެއެވެ.
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހަދިސާއަށް ދެ އަހަރު ވުމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލާގެ ތަޙްގީގް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެހެންމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާރު ތަޙްގީގަށް ބަންދުގައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެއެވެ.
މި ކަމާ ގުޅިގެން ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވި މައްސަލަ ފުލުހުން ތަޙްގީގް ކުރިއިރު، އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށް އައިރު ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ އިންޖީންގެ ރޯކޮށްލި މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުންގެ މުއައްސަސާއަށް މެމްބަރު އަބްދުﷲ ގޮވާލައްވާފައި ވަނީ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
މި ހާދިސާއާ ގުޅިގެން ތިނަދޫ އިންޖީންގޭގައި ހުރި ހުރިހާ އިންޖީނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ތިނަދުއަށް ކަރަންޓް ލިބުނީ ފަސް ދުވަސް ފަހުންނެވެ.
މި މައްސަލަ ތަޙްގީގް ކުރަމުންދާ ކަމަށް 2016 ވަނަ އަހަރު ފުލުހުން ވަނީ ބުނެފައެވެ. މައްސަލައާ ގުޅުން ހުރި ތިން މީހެއް ތަހްގީގަށް ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ތިނަދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް އަހުމަދާއި އެ އިންޖީނުގޭ ޑްރައިވަރު މުހައްމަދު ޔާމީނެވެ.