ދިވެހި ހުރިހާ ރައްޔިތުން ހައްޔަރު ކުރި ނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިވާނެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަކީ ވަކި ބަޔަކަށް އަމާޒުކޮށް، ހަރަކާތްތެރިވާ ބަޔަކަށްވާ ނަމަ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށެވެ. ފުލުހުން ފާރިސްއަށް ކުރަމުންދާ ޖެއްސުން ދިވެހި ރައްޔިތުން ތިބީ ބަލަން ކަމަށާއި އެކަން ބަލައި ނުގަންނާނެ ކަމަށެވެ. އަދި މުޅި ގައުމު ހައްޔަރު ކުރިޔަސް 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
Dhivehi @PoliceMv akee vaki bayakah amaazu koh harakaai theri vaa bayakah vaanama thiya Muvahssaa ah dhen bayaku ithubaaru nukuraane. @afarismaumoon ah thiya kuraa jehssun Dhivehi rayyithun balaey nugannaane. Mulhi Qaumu hayyaru kuriyas 2018 ge inthikhaaun RY bali vaane, IA.
— Mohamed Jameel Ahmed (@MJameelAhmed) January 27, 2018
އިނގިރޭސި ވިލާތުގައި ހުންނެވި ޖަމީލު އެގޮތަށް ވިދާޅުވެފައި މިވަނީ ރިޝްވަތުގެ ތުހުމަތެއްގައި ފާރިސްގެ މައްޗަށް ހިންގަމުންދާ ޝަރީއަތުގައި އޭނާ 191 ދުވަހު ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުމަށްފަހު ކޯޓުން އޭނާ ޖަލުން މިނިވަން ކުރިތާ 48 ގަޑިއިރުގެ ތެރޭގައި އަނެއްކާވެސް ފާރިސް ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހު ފާރިސް ހައްޔަރު ކުރުމާ ގުޅިގެންނެވެ.