ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭ ބަލާ ފާސްކުރަން ފުލުހުން ހިގައްޖެ ކަމަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
RM dhiri ulhuvvaa ge, Endherimaage, balaa faas kuran @PoliceMv hingajje.
— Yumna Maumoon (@yumna_maumoon) January 27, 2018
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު ވަނީ އެ ގެ ހުންނަ ސަރަހައްދު އާއްމުނަން ނުވަދެވޭނެހެން ބަންދުކޮށްފައެވެ.
ރައީސް މައުމޫނުގެ ގެކޮޅު ފާސްކުރުމަށް ފުލުހުން ގޮސްފައިވާ އިރު، ރައީސް މައުމޫނު މިވަގުތު ހުންނެވީ ދަރިކަލުން އަހްމަދު ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯޒް ގޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކުރަނީ ކޮންކަމަކާ ގުޅިގެންކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝަރުތުތަކަކާ އެކު ފާރިސް ދޫކޮށްލާފައިވާއިރު، ފާރިސްގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ. އަދި ފާރިސްގެ ފޯނާއި ސިމްކާޑުތަކާއި ފޯނުގައިވާ މައުލޫމާތު ވެސް ހިފެހެއްޓުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ނެރެފައެވެ.
އެކަމުގައި ލިބިފައިވާ ހެއްކެއް ކަމަށް ބުނެފައި ވަނީ ސިއްރު ހެއްކެއްގެ ބަޔާނެވެ. ބަލައި ފާސްކުރަން ދީފައި ވަނީ 12 ގަޑިއިރެވެ.