މުއައްސަސާތައް މެދުވެރިކޮށް ހައްގު، ނޫން ގޮތުގައި ކަންކަން ހިނގަމުންދާކަން އެންމެންނަށް އެނގޭ ކަމަށާއި ދެން ވާނީ ކިހިނެއްކަން ވެސް އެނގޭ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ކަންކަން ހިނގަމުންދާ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ފާރިސް ވާހަކަ ދައްކަވާފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހަމަދު އަރީފާ މިއަދު ބައްދަލު ކުރައްވާފައި ވަނިކޮށެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާ ބައްދަލު ކުރެއްވުމަށް ފަހު، އެ ބައްދަލުވުމުގެ ވާހަކަ އާންމުކުރައްވާނެ ކަމަށް އޭނާގެ އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ.
އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފުލުހުންގެ މުއައްސަސާއަށް ތަކުރާރުކޮށް، އަންގަވަމުން ގެންދަވާ ކަމަށެވެ. ވަކި މިނިސްޓަރަކު ދަންވަރު ގަޑީގައި ފުލުސް އޮފީހަށް ގޮސް، އޮޕަރޭޝަނަލް ކަންތައްތަކާ ބެހޭ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
"ވަކި މިނިސްޓަރަކު ރޭގަނޑު ދަންވަރު ފުލުސް އޮފީހަށް ވަދެ، އޮޕަރެޝަނަލް ކަންކަމާ އަތް ބާނާ މިހެން ކުރާ ކަންކަމޭ މިއީ. އަޅުގަނޑު މި ވާހަކަ ދައްކާނަން. އަޅުގަނޑަށް ފުރުސަތު ލިބިއްޖެއްޔާ،" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުކޮށްފިނަމަ ތެދުވެރިކަމާއެކު އެ ވާހަކަތައް ކިޔައި ދެއްވާނެ ކަމަށެވެ. އަދި އެކަންތައްތަކަށް ރިޔާއަތް ކުރެއްވުމަށް ފަހު، ފަނޑިޔާރުން އިންސާފުވެރިކަމާއެކު ގޮތް ނިންމަވާނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
"އެންމެންނަށް ވެސް އިނގޭ ހައްގުން ހިނގާ ކަންތައްތަކެއް ނޫން ކަން. އެންމެންނަށް ވެސް އިނގޭ މިވާ ގޮތް. މި ވަނީ ކިހިނެއްކަން ވެސް. މި ވާން އުޅެނީ ކިހިނެއްކަން ވެސް،" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މުއައްސަސާތަކުގެ މުވައްޒަފުން ވަރިހަމަކޮށްގެން ނުތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވެރިންގެ ކޮންމެ އަމުރަކަށް ކިޔަމަންވުމުގެ ބަދަލުގައި އެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަންތައްތަކަށް ދެކޮޅު ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރައްޔިތުން ކުރަމުންދާ އުއްމީދުތައް ނެރެންޖެހޭނީ "ތިރިން މައްޗަށް" ކަމަށެވެ.
"މި ދާނެ ތިރިން މައްޗަށް. މަތިން ތިރިއަކަށް ނޫން. އަޅުގަނޑުމެންގެ މި ރޫހު، މި ދިވެހި ރައްޔިތުން މި ކުރާ އުންމީދުތައް އަބަދުވެސް ނަގަންޖެހޭނީ ތިރިން މައްޗަށް. މަތީގައި ތިބި މީހުންނަށް ނުފެންނާނެ މި ވާނުވާއެއް،" ބަންދުގައި 191 ދުވަސް ހޭދަކުރައްވާފައިވާ ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ހުރި ދުވަސްވަރު، އޭނާއާ މެދު ގޯސްކޮށް ކަންތައް ކުރި މުވައްޒަފަކާ ދިމާނުވާ ކަމަށެވެ. ނަމަވެސް ވެރިން ކުރާ ގާނޫނާ ހިލާފު އަމުރުތަކަށް ވަކި އެޖެންޑާއެއް ކުރިއަށްދާތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
ޝަރުއީ ކޯޓުތަކާއި ފުލުހުން މުއައްސާއަށް އިޝާރާތްކުރައްވައި ފާރިސް ވިދާޅުވީ "ރޮބޮޓްތަކެއް ހެން ތަމްސީލު ކުޅެ ނިންމާތަން ވެސް" ފެނިވަޑައިގަންނަވާ ކަމަށެވެ.