މިޔަންމާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާއި ގުޅިގެން ރޮހިންޖާ މުސްލިމުން ބަނގްލަދޭޝްއަށް ހިޖުރަކޮށް ދިރިއުޅެމުންދާ ރޮހިންޖާ ކޭމްޕްތަކަށް ޒިޔާރަތް ކުރުމަށްފަހު ރާއްޖެ ޓީވީން ތައްޔާރުކުރި ޑޮކިއުމެންޓަރީ ހޮނިހިރު ދުވަހުގެ ރޭ ދައްކަން ނިންމައިފިއެވެ.
މި ޑޮކިއުމެންޓްރީ ރާއްޖެ ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 10:20 ގައެވެ.
މި ޑޮކިއުމެންޓްރީއަކީ ރާއްޖެ ޓީވީން ރޮހިންޖާ ކޭމްޕްތަކަށް ޒިޔާރަތްކޮށް އެމީހުންގެ ހާލަތު ދެނެގަނެ އެކަންކަމާ ގުޅޭ ވީޑިއޯއާއި ފޮޓޯތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއެކެވެ. މި ޑޮކިއުމެންޓަރީގައި ރޮހިންޖާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިންޓަރވިއުތައްވެސް ހިމެނޭނެއެވެ.
ބަނގްލަދޭޝްގައި ތިބި ރޮހިންޖާ މުސްލިމުންނަކީ މިޔަންމާގައި އެމީހުންނަށް ދެމުން ގެންދިޔަ ލާއިންސާނީ ޢަމަލްތަކުގެ އިތުރުން ގެދޮރުގައި ހުޅުޖަހައި މީހުން މަރައި، އަންހެނުންގެ ޢިއްފަތް ފޭރުމާއި ގުޅިގެން އެޤައުމު ދޫކޮށް ބަނގްލަދޭޝްއަށް ހިޖުރަކޮށްފައި ތިބި ބައެކެވެ.
މުޅި ދުނިޔޭގެ ސަމާލުކަމަށް މިކަން އައިސް ޢާއްމުވި ވީޑިއޯތަކާއި ފޮޓޯތަކާއެކު މިއީ މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވި އިންސާނީ އެންމެ ބޮޑު މުސީބާތުގެ ގޮތުގައިވެސް ވަނީ ފާހަގަ ކުރެވިފައެވެ.