ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއިމެދު ފުލުހުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުޙުމަތުގައި ހައްޔަރުކޮށް، 191 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ބުރާސްފަތި ދުވަހު މިނިވަންކުރި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް، ކޯޓު އަމުރެއްގެދަށުން ބަލައި ފާސްކުރަން ފުލުހުން ފަށާފައިވަނިކޮށް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލުން އަނބުރައި ފާރިސް މައުމޫން ހައްޔަރުކުރުމަށް ފުލުހުންނާއި، ސިފައިންނާއި، ކޯޓުތަކުން ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި ފާރިސް ހައްޔަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއިމެދު ފުލުހުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
Alun anburaa MP @farismaumoon hayyaru kurumah Fuluhun, Sifain adhi Court thakun furusathu dheegen nuvaane. Faris hayyaru kurumah masakaiy kuraa faraiythakaa medhu Fuluhun fiyavalhu alhan jehey.
— Mohamed Nasheed (@MohamedNasheed) January 27, 2018
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ފާރިސް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ހޮނިހިރު ދުވަހުގެ ހެނދުނުއްސުރެ ދަނީ ފެތުރެމުންނެވެ. އަދި ފާރިސް މައުމޫންވެސް ވަނީ އެމަނިކުފާނު ހައްޔަރުކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހިކަމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުޙުމަތުގައި ހުކުރު ދުވަހުގެރޭ ފަތިހު ނެރެފައިވާ ކޯޓު އަމުރަކާއި އެކު، ހޮނިހިރު ދުވަހު ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފެށުމާއި ގުޅިގެން ފާރިސް ވިދާޅުވީ، ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްއާއި ބައްދަލު ކުރެއްވި ކަމަށާއި ފާރިސް ހައްޔަރުކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.
ފާރިސް މިހެން ވިދާޅުވެފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓްއެއްގައި، ފާރިސް ހައްޔަރުކުރުމަށް ރައީސް ޔާމީން، ފުލުހުންނަށް އަމުރުކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
Raeesuljumhooriyyaa aky qaanoon thanfeezu kurumuge emme mathy faraaiy kamuga veehindhu, @afarismaumoon hayyaru kurumah sharuee court akun nereifavaa amureh thanfeezu kurumah @PoliceMv ah Raeesuljumhooriyyaa vany angavaafa.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) January 27, 2018
ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ހުކުރުދުވަހުގެރޭ ފަތިހު 4 ޖެހިއިރު އަމުރު ނެރުއްވީ، ބުރާސްފަތި ދުވަހުގެރޭ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އަލަށް ކުރެއްވި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އަލްއުސްތާޛް ޙުސައިން ޝަޙީދެވެ. ފަނޑިޔާރު ޝަޙީދު މި އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނުތާ ގާތްގަނޑަކަށް 36 ގަޑިއިރު ފަހުންނެވެ.