ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލާ ފާސްކުރަނީ ވެރިކަން ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ޝަހީދު ހޮނިހިރު ދުވަހުގެ ފަތިހު ހަތަރެއް ޖެހިއިރު ނެރުއްވާފައިވާ އަމުރުގައި ވަނީ ފާރިސްގެ އެޕާޓްމަންޓް ބަލާ ފާސްކުރަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހިކަމުގެ ތުހުމަތުގަ އާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކަކާއި ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އެކަމުގެ ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.
މި އަމުރުގެ މުއްދަތަކީ 72 ގަޑިއިރެވެ. ހަމައެހެންމެ މި އަމުރުގެ ދަށުން 90 ދުވަހަށް ތަކެތި ހިފެހެއްޓުމުގެ ހުއްދަ ވެސް ފުލުހުންނަށް ވަނީ ދީފައެވެ.
ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ކޯޓް އަމުރު ނެރެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 4:00 ގަ އެވެ. ކޯޓް އަމުރު ނެރެދެއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފަނޑިޔާރުކަމުގެ ހުވާކުރެއްވި ހުސައިން ޝަހީދެވެ.
ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރަމުންދާއިރު، އޭނާ ހައްޔަރުކުރުމަށް ރައީސް އަބްދުﷲ ޔާމީން ފުލުހުންނަނަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވިދާޅުވެފަ އެވެ.