ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްއާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް އަރީފް ވިދާޅުވި ކަމަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް ހައްޔަރުކުރަން ކޯޓް އަމުރެއް ހޯދާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އޭނާ ދިރިއުޅުއްވާ މ. ސްނޯ ރޯޒްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފާރިސް އާއި އަރީފް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއްބަނޑު އެއްބަފާ ދެ މީހުންނާއެވެ. އަދި އެ ބޭފުޅުން ދިރިއުޅުއްވަނީ ވެސް އެއް ގެއެއްގަ އެވެ.
އަރީފް މަގާމުން ވަކިކޮށްފި ކަމުގެ އަޑުތައް ފެތުރެމުން ދިޔަސް، އެކަން ޕޮލިހުން ވަނީ ދޮގުކޮށްފަ އެވެ.
ހަ މަސް ދުވަހަށް ފަހު ފާރިސް ޖަލު ބަންދު ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފާރިސް މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ދެ ދުވަސް ތެރޭގައި ވެސް އުޖާލާކަން ފެނިގެން ދިޔަ ކަމަށާއި މަންޒަރު އަދިވެސް އުޖާލާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ މިފަހަރު ފުލުހުން އޭނާ ހައްޔަރު ކުރަނީ އިތުރު މައްސަލައެއް ފެންމަތިކޮށްގެން ކަމަށާއި މިސަރުކާރުން ކިތަންމެ ދުއްތުރާއެއް ކުރެއްވި ނަމަވެސް މި އަނިޔާވެރިކަމުން ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ކަމަށެވެ.