މިދިޔަ އަހަރު ޗައިނާގެ ތިން އަސްކަރީ މަނަވަރު ރާއްޖޭގައި ބަނދަރު ކުރުމަށް ރާއްޖެއިން ހުއްދަދީފައިވާ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ހާމަވެއްޖެ އެވެ.
އޮންލައިން ނިއުސް މެގެޒިންއެއް ކަމުގައިވާ "ދަ ޑިޕްލޮމެޓް" ގައި ހާމަކޮށްފައިވާ ގޮތުގައި، ޗައިނާއާއި ރާއްޖެ އާއި އެކު މިދިޔަ ޑިސެމްބަރު މަހުގައި ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އަވައްޓެވި އިންޑިޔާއާއި ރާއްޖޭގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ.
ޗައިނާގެ ބެލްޑް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ރާއްޖެއާއި އެކު ވެނުނު އެއްބަސްވުމާ އެކު ތަފާތު ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ވަނީ ނިންމާފަ އެވެ.
ދިވެހި ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ގިނަ އަހަރުތަކެއްވެފައިވާ ގާތް ގުޅުމަކަށްވާ އިރު، 2011 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖެއިން ޗައިނާ ސަރުކާރާއިއެކު ގުޅުން ބަދަހި ކުރުމުގެ އުސޫލުތަކެއް ހާރިޖީ ސިޔާސަތުގެ ތެރެއިން ފެނިފައިވެ އެވެ. އަދި މި ގުޅުން ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ރާއްޖެއަށް 2014 ވަނަ އަހަރު ވަޑައިގެންނެވިފަހުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާއަތްކުރާ ގައުމަށް ޗައިނާ ވެފައިވާ އިރު މި ސަރުކާރުން ހިންގާ އެންމެ ބޮޑެތި މެގަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވެސް އެންމެ ބޮޑަށް ފެނިގެންދަނީ ޗައިނާގެ ކުންފުނިތަކެވެ. އެގޮތުން ބްރިޖުގެ މަޝްރޫއު އާއި ހުޅުމާލޭގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއު އަކީވެސް ފާހަގަކޮށްލެވޭ މަޝްރޫއުތަކެކެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ބެލްޑް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރެއިން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހިވެގެންދާނެ ކަމަށް ދެގައުމުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އިންޑިޔާގެ ސެކިއުރިޓީ އެނަލިސްޓުން ދަނީ ރާއްޖެ ވެސް ޗައިނާގެ ދަރަނީގެ ޝިކާރައަކަށްވެ، ގައުމު ހިންގުމަށް ހުރަސް އެޅީދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކޮށް، މިކަމަށް ސަމާލުވުމަށް ގޮވާލަމުންނެވެ.
ޗައިނާ އާއި އެކު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާ އިރު، ރާއްޖޭގެ ފޮރިންގ މިނިސްޓަރ މުހައްމަދު އާސިލް ދާދިފަހުން އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޝުޝްމާ ސްވަރާޖް އާއި ބައްދަލު ކުރައްވާފަ އެވެ. މި ބަދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތަރަށް ބަދަހިކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.