އައިޖީއެމްއެޗް އިން ފަށާ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރު ހުޅުވާލާނެ ތާރީހު އިއުލާނުކޮށްފި އެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލާފައިވާ އިރު، މި ޕްރޮގްރާމުގެ ދެވަނަ އިންޓޭކްގައި 14 ފަރާތަކަށް ބައިވެރިވެވޭނެ ކަމަށެވެ.
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 10 ޖޫން 2018 އިން ފެށިގެން 10 ޖުލައި 2018 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިގެން ދާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެމްބީބީއެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް" ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށް އައިޖީއެމްއެޗް އިން ބުނެ އެވެ.
އައިޖީއެމްއެޗް އިން މިއަހަރު ޖެނުއަރީ 11 ވަނަ ދުވަހު ފެށި އިންޓަރންޝިޕް ޕްރޮގްރާމުގެ ދަށުން ވަނީ 20 ޖާގަ ހުޅުވާލާފަ އެވެ.
މެޑިކަލް ޕްރެކްޓިސް ފެށުމަށްޓަކައި އެމްބީބީއެސް ނިންމުމަށް ފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބަލައިގަންނަ އިންސްޓިޓިއުޓް އަކުން 52 ހަފްތާގެ އިންޓާރންޝިޕް ޕްރޮގްރާމެއް ހެދުމަށް ލާޒިމްވެއެވެ. ބައެއް ޤައުމުތަކުގައި އެމްބީބީއެސް ހަދާ ދިވެހި ކުދިންނަށް ކިޔަވާ ނިމުމުން މި ފުރުސަތު ފޯރުކޮށްނުދެވޭތީ، ދިވެހި ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި މިކުދިންނަށް ބޭރުގެ ޤައުމުތަކުން ފުރުސަތު ހޯދައިދެމުން އައިސްފައިވެއެވެ.