ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 12:16
ކަޒަކްސްތާނުގެ އަސްތާނާގައި މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ސީރިއާގެ ސުލްހައިގެ ބައްދަލުވުމެއްގައި އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ ވަފްދުގެ މެމްބަރުން ބައިވެރިވަނީ
ކަޒަކްސްތާނުގެ އަސްތާނާގައި މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ސީރިއާގެ ސުލްހައިގެ ބައްދަލުވުމެއްގައި އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ ވަފްދުގެ މެމްބަރުން ބައިވެރިވަނީ
ރޮއިޓަރސް
ސީރިއާގެ ސުލްޙައިގެ ވާހަކަތައް
ސޯޗީގައި ބާއްވާ މަޝްވަރާތައް ބޮއިކޮޓް ކުރުމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ނިންމައިފި
ސޯޗީގެ ބައްދަލުވުން ބޮއިކޮޓް ކުރުމަށް ނިންމިކަން އެޗްއެންސީން ވަނީ ހާމަކޮށްފަ
މި މަޝްވަރާތަކުގައި ބައިވެރިވުމަށް ރަޝިއާ އިން 1600 ފަރާތަކަށް ދައުވަތު ދީފައިވޭ
ސޯޗީގެ މަޝްވަރާތަކުގައި ބައިވެރިވުމާއިމެދު އދ. އިން ވަކި ގޮތެއް ނިންމާފައެއްނުވޭ

ރަޝިއާގެ ސޯޗީގައި އަންނަ ހަފްތާގައި ބޭއްވުމަށް ނިންމާފައިވާ ސީރިއާގެ ސުލްހައިގެ ބައްދަލުވުން ބޮއިކޮޓް ކުރުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

ސީރިއާގެ މަޝްރަޚާއި ގުޅޭ ގޮތުން އދ. އިން އިސްނަގައިގެން އޮސްޓްރިއާގެ ވިއެނާގައި ބޭއްވި މަޝްވަރާތަކަށް ފަހު، ހައިން ނެގޯސިއޭޝަންސް ކޮމިޓީ (އެޗްއެންސީ) އިން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ވަނީ، ރަޝިއާ އިން ދައުވަތު ދީފައިވާ ސޯޗީގެ ބައްދަލުވުން ބޮއިކޮޓް ކުރުމަށް ނިންމިކަން އެޗްއެންސީ އިން އިއުލާން ކުރާ ކަމަށެވެ.

ސީރިއަން ނެގޯސިއޭޝަންސް ކޮމިޝަން (އެސްއެންސީ) ގެ ތަރުޖަމާނު ޔަހްޔާ އަލް-އަރީދީ ހުކުރު ދުވަހު ވަނީ، ސޯޗީގެ ބައްދަލުވުމާއިމެދު ނިންމާ ގޮތެއް ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސްއެންސީގެ ލީޑަރު އިއުލާން ކުރައްވާނެ ކަމަށެވެ.

ސޯޗީގެ ބައްދަލުވުމުގައި ބައިވެރި ނުވުމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ނިންމިކަން އިއުލާން ކޮށްފައިވާއިރު، އދ. އިން އިސް ނަގައިގެން ވިއެނާގައި ބޭއްވި ދެ ދުވަހުގެ ބައްދަލުވުމަކީ އުނދަގޫ މަޝްވަރާތަކެއްގެ ގޮތުގައި އަރީދީ ސިފަ ކުރައްވާފައިވެއެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި މީގެ ކުރިން ބޭއްވި މަޝްވަރާގެ ބައްދަލުވުންތަކެކޭ އެއްފަދައިން އެސްއެންސީ އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ މަންދޫބުން އދ.ގެ އެންވޯއީ ސްޓެފަން ޑި މިސްތޫރާ އާ ބައްދަލު ކުރައްވާފައިވަނީ ވަކިވަކިންނެވެ. މީގެ ކުރިން ޖެނީވާގައި މިފަދަ 8 ބައްދަލުވުމެއް ބާއްވާފައިވާއިރު، ވިއެނާގައި ބޭއްވި ވާހަކަތަކުގައިވެސް ދެފަރާތުގެ މަންދޫބުން އެކުގައި ބައްދަލު ކުރައްވާފައެއްނުވެއެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމާގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވާ ރަޝިއާ އިން ވަނީ ސޯޗީގައި ބާއްވާ މަޝްވަރާތަކަށް 1600 އެއްހާ މީހުންނަށް ދައުވަތު ފޮނުވާފައެވެ. މިމަޝްވަރާތަކުގެ ބޭނުމަކީ ދާޚިލީ ހަނގުރާމައަށް ފަހު އައު ގާނޫނު އަސާސީ އެއް އެކުލަވާލުމުގެ މަސައްކަތް ފެށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބައްދަލުވުންތަކަށް އިރާނާއި ތުރުކީން ވަނީ ތާއީދު ކޮށްފައެވެ. މި ދެ ގައުމަކީ ވެސް ސީރިއާގެ ދާޚިލީ ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ދެ ފަރާތެވެ. ސީރިއާގެ ދާޚިލީ ހަނގުރާމާގައި އިރާނުން ބައްޝާރުގެ ސަރުކާރަށް މަދަދު ދީފައިވާއިރު، ތުރުކީ އަކީ ސީރިއާގައި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ބަލި ކުރުމަށް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގުޅިގެން މަސައްކަތްކުރި ހުޅަނގުގެ އިއްތިހާދުގެ ބައިވެރިއެކެވެ.

މިބައްދަލުވުމުގައި ބައިވެރިވުމާއިމެދު އދ. އިން ވަކި ގޮތެއް ނިންމާފައިނުވާއިރު، އެކަމަށް ގޮތެއް ނިންމާނީ ވިއެނާގައި ބާއްވާ ބައްދަލުވުންތަކުގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް އދ.ގެ ތަރުޖަމާނު ފަރްހާން ހައްޤު ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައްޤު ވިދާޅުވީ، ވިއެނާގެ ބައްދަލުވުންތަކަށް ފަހު، ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެމަސައްކަތް ނިމުމާއެކު، ސޯޗީގެ ބައްދަލުވުމުގައި އދ. އިން ބައިވެރިވުމާއިމެދު އދ.ގެ މަންދޫބު ސްޓެފަން ޑި މަސްތޫރާ ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް