ބަނގުރާ ބުއިމުގެ ކުށް ސާބިތުވެ، 40 އެތިފަހަރުން ދެ މީހަކު ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ގދ. ވާދޫ ދިއްގާގަސްދޮށުގޭ ހާފިޒު ސައީދުއާއި ހުޅުމާލޭ 30-3-07 އަލީ އަބްދުއްސައްތާރުގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ކުރީ، 2014 ވަނަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅެފައިވާތީ އެވެ. ފުލުހުންގެ ތަހުގީގުގައި ސުވާލު ކުރުމުން، އެ ދެ މީހުން ވަނީ މަސްތުވުމަށް އާއްމުކޮށް ބަނގުރާ ބޯކަމަށް ބުނެފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް ކުށަށް ވަނީ އިއުތިރާފުވެފައެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެ ގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ދެ މީހުން 40 އެތިފަހަރުން ޖަލްދުކުރުމާއެކު، 27 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.
ނަމަވެސް، ގާނޫނުލްއުގޫބާތުގެ 1202 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 1005 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ދެ މީހުން ޖަލަށް ލުމަށް ކަނޑައެޅުނު އަދަބު، 5400 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބަދަލުކޮށްފަ އެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދެއްކުމަށް އެ ދެ މީހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ޖޫރިމަނާ ފައިސާ އެ މުއްދަތުގައި ނުދައްކައިފިނަމަ، އެ ދެ މީހުން ޖަލަށް ލުމަށް ކަނޑައެޅިފައިވާ އަދަބު ވަގުތުން ތަންފީޒު ކުރެވޭނެ ކަމަށްވެސް އަންގާފައިވެއެވެ.