ރާއްޖޭގައި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ސުޕާރީ ބްރޭންޑް، ރަސިލީ ސުޕާރީ ވިއްކާ އަގުބޮޑުކޮށްފިއެވެ.
ރީޓެއިލް ބައެއް ފިހާރަތަކުން މައުލޫމާތު ދޭ ގޮތުގައި، ރަސިލީ ސުޕާރީގެ އަގު ބޮޑު ކުރީ ހޯލްސޭލްކޮށް އެ ސުޕާރީ ގަންނަން ލިބޭ އަގު ބޮޑު ވުމުންނެވެ. އަގަށް އައި ބަދަލާއިއެކު، ކުރިން ރުފިޔާއަކަށް ތިން ސުޕާރީ ލިބެމުންއައި ރަސިލީ މިހާރު ލިބެނީ ރުފިޔާއަކަށް ސުޕާރީއެކެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި، މިދިޔަ ހަފްތާ ފެށުނު އިރުވެސް ރަސިލީ ސުޕާރީ ކޭހެއް ބާޒާރުން 1050 ރުފިޔާއަށް ގަންނަން ލިބުނެވެ. ނަމަވެސް ހަފްތާ ނިމުނުއިރު، ސުޕާރީ ކޭހެއް ވިއްކީ 1500 ރުފިޔާއަށެވެ.
ރާއްޖެއަށް ރަސިލީ ސުޕާރީ އެތެެރެކުރާ ލޮޓަސް ފިހާރައިގެ މެނޭޖިންގ ޑިރެކްޓަރ ޒައިނުލް އާރިފް ވިދާޅުވީ، ސުޕާރީގެ އަގުބޮޑުވާން ދިމާވީ، އެ ބްރޭންޑްގެ ސުޕާރީ އުފައްދާ ޕާކިސްތާނަށް ފޯއް އެތެރެކުރުމުގައި ދިމާވެގެން އުޅޭ ޝޯޓޭޖެއްގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިވަގުތު ރާއްޖޭގައި ހުރި ސްޓޮކް ހުސްވެ ރާއްޖޭގެ ބާޒާރުން ސުޕާރީ ހުސްވެދާކަމުގެ ބިރު އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަސިލީ ސުޕާރީވެސް އަދި އެހެން ވައްތަރެއްގެ ސުޕާރީވެސް އަގުބޮޑު ކުރުމަކީ ބޭނުންވާ ގޮތް ނޫންކަމަށެވެ. އަދި މިވަގުތު އަގު ބޮޑުކޮށްފައި އެވަނީވެސް ބޮޑުކުރެވެން އޮތް އެންމެ ކުޑަ މިންވަރަށްކަމަށް ޒައިނުލް ވިދާޅުވިއެވެ.
"ބައެއް ފިހާރަތަކުގައި ރުފިޔާއަކަށް ސުޕްރީއެއް ވިއްކިޔަސް، އަޅުގަނޑުމެން ހޯލް ސޭލްކޮށް މި ވިއްނަކީ ދެ ރުފިޔާއަށް ތިން ޕެކެޓް ވިއްކޭ ވަރަށް،" އޭނާ ވިދާޅުވި އެވެ.
ޒައިނުލް ވިދާޅުވީ ސަޕްލައި ކިތަންމެ މަދުވިޔަސް މިހާރު ހުރި އަގަށްވުރެ ސުޕާރީގެ އަގު ބޮޑުވިޔަ ނުދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ތެރޭގައި ކުރިން ހުރި އަގަށް ސުޕާރީގެ އަގު އަނބުރާ އިޔާދަކުރެވޭވަރު ވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާއްމުކޮށް ދިވެހިން ބޭނުންކުރާ ރަސިލީ ސުޕާރީ 2013 ވަނަ އަހަރު ފެށުނު އިރުވެސް އެއް ރުފިޔާއަށް ހަތަރު ކުޑަ ޕެކެޓް އާއްމު ފިހާރަތަކުން ގަންނަން ލިބެއެވެ. ނަމަވެސް ސުޕާރީގެ އަގު ބޮޑުވެ 2015 ވަނަ އަހަރު ރުފިޔާއަކަށް ތިން ޕެކެޓް ވިއްކަމުން ގޮސް 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އާއްމު ބައެއް ފިހާރަ ތަކުގައި ރުފިޔާއަކަށް ވިއްކަމުން ގެންދިޔައީ ރަސިލީ ސްޕާރީ ދެ ޕެކެޓް ނުވަތަ ތިން ޕެކެޓެވެ.