ގާސިމް އިބްރާހިމްގެ ވިލާ ރިސޯޓްގެ ބިދޭސީ މުވައްޒަފުން ތިބީ "ރަހީނުކޮށްފައި" ކަމަށްއެ ކުންފުނީގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ވިލާގެ ފަސް ރިސޯޓްގައި ގާތްގަނޑަކަށް އަށް ސަތޭކަ ބިދޭސީން ވަޒީފާ އަދާކުރާއިރު، އޭގެތެރެއިން ގިނަ މީހުންގެ ވިސާ މިހާރު ވަނީ ހަމަވެފައެވެ. ވިސާ ހަމަވީ، މިދިޔަ އަހަރުގެ މާޗް މަހު ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، އިމިގްރޭޝަންގެ ހިދުމަތްތައް ވިލާގެ ކުންފުނިތަކަށް ދިނުން ހުއްޓާލުމާ ގުޅިގެންނެވެ.
"މިހާރު ބިދޭސީ މުވައްޒަފުންނަށް ފުރޭކަށް ނެތް. ވިސާ ވަނީ ހަމަވެފައި. މިކަމުގައި ސަރުކާރުން މަގެއް ނުދެއްކި. ހަގީގަތުގައި ވެސް މިއީ ހައިޖެކްކުރުން، އިންސާނިއްޔަތާ ހިލާފު އަމަލެއް،" އޮފިޝަލް ވިދާޅުވިއެވެ.
ވިލާގެ ބިދޭސީ މުވައްޒަފުންގެ އިންސާނީ ހައްގުތައް ގެއްލި، އަމިއްލަ ގައުމަށްވެސް ފުރޭނެ ގޮތެއް ނެތުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނުތަކާ ހިލާފު އަމަލަކަށްވާތީ، މުވައްޒަފުންގެ ހައްގު ހޯދަން އެ މުވައްޒަފުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކަށް ސިޓީ ހުށަހަޅަން ފަށާފައިވާ ކަމަށް ވިލާގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިލާއަށް ޖެއްސުން ކުރަމުން ދަނީ ހުރިހާ ގޮތަކުންވެސް ފިއްތައި ވިލާގެ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށެވެ.
"ބިދޭސީ މުވައްޒަފުން ވަޒީފާ އަދާނުކުރެވޭނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ. ދިވެހިން ނުލިބޭ ވަޒީފާތައް ވެސް އެބަހުރި. އެކަން ސަރުކާރަށް އެނގޭތީވެ، މިގޮތަށް ކަން އެކުރަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ވިލާގެ ރިސޯޓްތަކަށް ދާދި ފަހުން ފުލުހުންނާއި ކަސްޓަމްސްއިން އަރައި އެ ރިސޯޓްތަކުގެ ބަނގުރާ ގުދަން ބަލައި ފާސްކޮށް، ފަން އައިލެންޑް ރިސޯޓްގައި ހުރި ބަނގުރާތައް ވަނީ ގެންގޮސްފައެވެ. މިއީ މުދާ ފޭރުން ކަމަށް ވިލާއިން ވަނީ ބުނެފައެވެ.