ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 10:04
އާޖެންޓީނާގެ ރައީސް މައުރީސިއޯ މެކްރީ އާއެކު ފްރާންސްގެ ރައީސް އެމަނުއެލް މެކްރަން، ޕެރިހުގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ
އާޖެންޓީނާގެ ރައީސް މައުރީސިއޯ މެކްރީ އާއެކު ފްރާންސްގެ ރައީސް އެމަނުއެލް މެކްރަން، ޕެރިހުގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ވެނެޒުއެލާގެ މަޝްރަހު
ވެނެޒުއޭލާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފްރާންސް އިން ގޮވާލައިފި
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން ވަނީ އިދިކޮޅު މައި އިއްތިހާދަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމާފަ
ޔޫރަޕްގެ އިއްތިހާދުން ވަނީ ވެނެޒުއޭލާގެ ސަރުކާރުގެ 7 އޮފިޝަލަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ
މެކްރަން ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާފަ

ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާއި ތަކުރާރުކޮށް ޚިލާފްވަމުންދާތީ ވެނެޒުއޭލާ އާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އެޅުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރަން ގޮވާލައްވައިފި އެވެ.

އޭޕްރީލް މަހު ބާއްވާ ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ އިދިކޮޅު މައި ކޯލިޝަނަށް ވާދަނުކުރެވޭނެ ކަމަށް ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފްރާންސްގެ ރައީސް މެކްރަން ވިދާޅުވީ، ވެނެޒުއޭލާގެ ސަރުކާރުން ޑިމޮކްރެސީގެ އުސޫލުތަކާއި ޚިލާފްވަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިދިޔަ ހޯމަ ދުވަހު ވަނީ، ވެނެޒުއޭލާގެ ސަރުކާރުގެ އިސް ހަތް އޮފިޝަލަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން އެ ހަތް އޮފިޝަލުންގެ މުދާ ހިފެހެއްޓުމަށާއި، ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުން އީޔޫ އިން ވަނީ މަނާކޮށްފައެވެ.

ފްރާންސްގެ ރައީސް މެކްރަން ވަނީ، މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރުގެ ފަރާތުން އިސްލާހުތައް ފެންނަމުން ނުދާ ކަމަށް ވިދާޅުވެ، ވެނެޒުއޭލާގައި ޑިމޮކްރެސީ އަނބުރާ އިއާދަކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމަށް ގޮވާލައްވާފައެވެ.

އަދި ވެނެޒުއޭލާގެ ސަރުކާރާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހެޔޮ ބަދަލު ފެންނާނީ، ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެކްރަން ވިދާޅުވީ، ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި، އިތުރު ފިޔަވަޅުތައް އެޅުމާއިމެދު ގޮތެއް ނިންމާނީ ޔޫރަޕްގެ އިއްތިހާދުން ކަމަށެވެ.

އަދި ވެނެޒުއޭލާގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، ވެނެޒުއޭލާގެ ރައްޔިތުންގެ ކުރިމަގު ބިނާ ކުރުމުގައި ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުޞަތު ހޯދައިދިނުމަށް، މިނިވަން އަދި ދެފުށްފެންނަ އިންތިޚާބަކަށް ބާރު އަޅަންޖެހޭ ކަމަށް މެކްރަން ވިދާޅުވި އެވެ.

އާޖެންޓީނާގެ ރައީސް މައުރީސިއޯ މެކްރީ އާއެކު ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު މެކްރަން ވިދާޅުވީ، ވެނެޒުއޭލާގައި ޑިމޮކްރަސީ އިއާދަ ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މެކްރަންގެ އިތުރުން އާޖެންޓީނާގެ ރައީސް މެކްރީ ވެސް ވަނީ، ވެނެޒުއޭލާގެ އިދިކޮޅު މައި އިއްތިހާދު ކަމަށްވާ ޑިމޮކްރެޓިކް ޔޫނިއަން ރައުންޑްޓޭބަލް (އެމްޔޫޑީ) އަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ފާޑު ވިދާޅުވެފައެވެ.

އާއްމު ގޮތެއްގައި ޑިސެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ތާރީޚު ކުއްލި ގޮތަކަށް އަވަސް ކުރުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ނިންމުމާއެކު ރިޔާސީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބުގެ ތާރީޚް އަވަސް ކުރުމަށް ނިންމާފައިވާއިރު، އިންތިޚާބު މިހާރު ތާވަލް ކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ފަހުކޮޅަށެވެ.

މި ނިންމުމާއެކު އެގައުމުގެ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ލިބޭނީ ކުޑަ ދުވަސްކޮޅެކެވެ. އެގައުމުގެ އިދިކޮޅު ގިނަ ލީޑަރުން އެކިއެކި ސަބަބުތަކާއި ގުޅިގެން އަމިއްލަ އަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅުއްވުމާއި، ބައެއް ލީޑަރުން ޖަލުގައި ތިއްބެވުމާއެކު، އިދިކޮޅު ހަރަކާތްތައް މިހާރުވެސް ވަނީ ބަލިކަށިވެފައެވެ.

މިހާރު ވެނެޒުއޭލާގެ ވެރިކަމުގައި ހުންނެވި މަޑޫރޯގެ ހަ އަހަރުގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ.

ވެނެޒުއޭލާގެ އިންސާނީ ހައްގުތަކުގެ ހާލަތާއިމެދު ޔޫރަޕިއަން ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް ވެނެޒުއޭލާގެ އޮފިޝަލުންނާއި ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން މިހަފްތާގައި އެޅި ފިޔަވަޅުތަކަކީ، މިކަމާއި ގުޅިގެން އެ އިއްތިހާދުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ.

ވެނެޒުއޭލާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސްޕެއިންގެ ސަރުކާރުން ކުރި މަސައްކަތްތަކާއި ގުޅިގެން، ވެނެޒުއޭލާގެ ކަރާކަސްގައި ހުންނަ ސްޕެއިންގެ ސަފީރު ވަނީ ބުރާސްފަތި ދުވަހު އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ވެނެޒުއޭލާ ސަރުކާރުން ސްޕެއިންގެ ސަފީރު ފޮނުވާލާފައިވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމުގެ ތުހުމަތު ކުރުމަށްފަހު އެވެ. މިނިންމުމާއެކު ސްޕެއިން އިން ވަނީ އެގައުމުގައި ހުންނަ ވެނެޒުއޭލާގެ ސަފީރުވެސް ފޮނުވާލާފައެވެ.

ވެނެޒުއޭލާގެ ރައީސް މަޑޫރޯ އާދެކޮޅަށް ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެގައުމުގައި ބޭއްވި މުޒާހަރާތަކުގައި 120 މީހަކު މަރުވެފައިވެއެވެ.

- ކޮމެންޓް