ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ހުންނަ ތަނަކީ ހިރަފަހުން ރައްކާތެރި ތަނަކަށް ހެދުމަށް ޑޮކްޓަރު އަނެއްކާ ވެސް ލަފާ ދެއްވައިފި އެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް، އަދީބު ބެއްލެވި ޑޮކްޓަރު ވަނީ އެމަނިކުފާނު ބަންދުކޮށްފައި ހުންނަ ތަނަކީ ހިރަހުން ރައްކާތެރި ތަނަކަށް ހެދުމަށް ލަފާ ދެއްވާފައެވެ.
ހިރަފުހުން ރައްކާތެރި ތަނަކަށް އަދީބު ބަދަލުކުރުމަށް، ދެވަނަ ފަހަރަށް ލަފާ ދެއްވީ، އަދީބު ބައްލަވާ އައިޖީއެމްއެޗްގެ ޑޮކްޓަރެވެ. ޑޮކްޓަރު މިގޮތަށް ލަފާ ދެއްވީ ހުސްވި ހަފްތާގެ ތެރޭގައެވެ. ޑޮކްޓަރު މިގޮތަށް ލަފާ ދެއްވީ އަދީބުގެ ލޮލުގައި ޖަރާސީމު އުފެދިފައި ހުރުމުންނެވެ.
މިކަމާ ގުޅޭގޮތުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ބޭސްފަރުވާއަކީ ބޭނުންވީމާ ދޭން އޮންނަ އެއްޗެއް ނޫން ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން ދޭން ޖެހޭ އެއްޗެކެވެ. އެކަން ފާހަގަކުރައްވައި ސިރާޖު ވަނީ ޑޮކްޓަރުންގެ ލަފައާއި އެއްގޮތަށް އަދީބުއަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
އަދީބުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވާއިރު، ލޮލުގެ ފެނުމަށް އަސަރުކުރަމުންދާ ކަމަށް ބުނެ ވަކީލުންނާއި އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއިލާއާއި ވަކީލުން ބުނަމުންދަނީ، ބަލިހާލަތާއި ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ އެހެން ގައިދީން ވެސް ގޭބަންދަށް ބަދަލުކޮށްދޭ ފަދައިން އަދީބުއަށް އެ ފުރުސަތު ދޭންވާނެ ކަމަށެވެ.
ގްލޮކޮމާގެ އިތުރުން، އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާ ކަމަށާއި އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އެކަންކަމާއި ގުޅިގެން، ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ވަކީލުންނާއި އާއިލާއިން ދަނީ އެދެމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ވެސް ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ