ރާއްޖެ އާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ އާންމު ޑިޕްލޮމަސީގެ ގުޅުމެއް ނޫން ކަމަށާއި އެއީ އެއަށްވުރެ މާބަދަހި، މާ ގާތް ގުޅުމެއް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އާކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ 69 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިޝްރާ ވިދާޅުވީ ރާއްޖޭގައި ހޭދަކުރެވުނު ދެ އަހަރު ދުވަހަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.
'ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކީ އަޅުގަނޑަށް ރާއްޖޭގެ އައްޑޫ އިން ފެށިގެން ހއ އަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދިޔަ. ރާއްޖޭގައި ދެވުނު ކޮންމެ ތަނަކުންވެސް ލިބިގެންދިޔައީ ހިތްހަމަޖެހުން. ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރގެ މަގާމާއި ހަވާލުވުމުގެ ކުރިން ވެސް ރާއްޖެއަށް އައިސް، ރާއްޖޭގެ ރީތި ވެލީގައި ޖެހުމުން، އެނގިގެން ދިޔައީ އިންޑިޔާގެ ސަގާފަތާއި ދިވެހިންނާއި ގުޅިފައިވާ މިންވަރު. މިއީ އިންޑިޔާ އާއި ރާއްޖޭގެ ގުޅުން، އާދައިގެ ޑިޕްލޮމަސީއަށް ވުރެ މާ ބޮޑު،' އޭނާ ވިދާޅުވިއެވެ.
މިޝްރާ ވަނީ ގައުމީ ދުވަސް ފާހަގަކުރުމުގެ މުހިއްމުކަމަށް ވެސް ބައްލަވާލައްވާފައެވެ.
'މިއީ ގާނޫނު އަސާސީއަށް އަމަލުކުރުމަށް އަޅުގަނޑުމެން އެންމެންނަށް ލިބިގެންދާ ފުރުސަތެއް. ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަން. ފަރުދީ މިނިވަންކަމާއި، ފަރުދީ ހައްގުތަކާއި، އިންސާނީ ކަރާމަތާއި، ހަމަހަމަކަމާއި އެއްބައިވަންތަކަން، މީ ގާނޫނު އަސާސީގައި ބަޔާންވެފައިވާ ކަންތައްތައް. މިއީ ތަރައްގީވަމުން، ބަދަލުވަމުން އަންނަ މުޖުތަމައުއެއްގައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ ހަނދާންކޮށްދޭ ކަމެއް،' އޭނާ ފާހަގަކުރެއްވިއެވެ.
މިޝްރާ ވިދާޅުވީ އިންޑިޔާގެ މިހާރުގެ އަމާޒަކީ ދެފުށް ހާމަކުރުމާއެކު މުޖުތަމައު ބަދަލުކޮށް، ގަވާއިދުތައް އިސްލާހު ކޮށްގެން އިންޑިޔާއަކީ ވިޔަފާރި ކުރަން ފަސޭހަ ގައުމަކަށް ހެދުން ކަމަށެވެ.
މީގެ އިތުރުން، މިޝްރާ ވަނީ އެކަހެރިވެގަތުމާއި ދެކޮޅަށް އިންޒާރު ދެއްވާފައެވެ.
'އަޅުގަނޑުމެންގެ ތާރީހީ ފޮތްތަކުގައި ލިޔެވިފައިވާނެ، އިންސާނެއްގެ ދިރިހުރުމަކީ އެކަހެރިކަމެއް ނުވަތަ ވަކިވެގަނެގެން ވާނޭ ދިރިހުރުމެއް ނޫން ކަމަށް. ކޮންމެ އިންސާނަކީ އަދި ކޮންމެ ފުރާނައަކީ ބައިނަލްއަގްވާމީ މުޖްތަމައުގެ ބައެއް،"
ހުކުރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އިންޑިޔާއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން، ޔުމްނާ މައުމޫންގެ އިތުރުން މަޖިލިސް މެންބަރުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.