އދ. މާމިގިލީގައި ރައްޔިތުން ނިކުމެ ސަރުކަރާ ދެކޮޅަށް ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކޮށްފި އެވެ.
ހުކުރު ދުވަހުގެ ހަވީރު މާމިގިލީގެ މަގުތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ހިނގާލައި ޝުއޫރުތައް ފާޅުކޮށްފަ އެވެ. މި މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އަނިޔާވެރިނުވެ އެމީހުންގެ އާއިލާތަކާމެދު ހަމްދަރުދީ ވުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ރާގެ ބައިވެރިން ވަނީ ރައީސް އަބްދުﷲ ޔާމިން އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވެ އެވެ. ހަމަ އެހެންމެ ގައުމުގެ ޓޫރިޒަމްގެ އިންޑަސްޓްރީ ހަލާކުކޮށް ނުލުމަށާއި ޓޫރިޒަމް ފުނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ދިނުން ކަމަށް ގޮވާލި އެވެ.
ޓެރަރިޒަމްގެ އަމަލުތައް ހުއްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތައް ހުއްޓާލުމަށާއި ސިޔާސީ ކުއްވެރިން މިނިވަންކުރުމަށް ވެސް މުޒާހަރާގައި ގޮވާލި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަންރަށް، މާމިގިލީގައި ކުރި މި މުޒާހަރާގައި، ސަރުކާރުން ގާސިމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި އޭނާގެ ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސްއިން އެރި މައްސަލަ ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑު އުފުލި އެވެ. ގާސިމްގެ ވިލާ ކުންފުންފުނީގެ ރިސޯޓުތަކަށް އަރައި ކުރަމުންދާ "ޖެއްސުން"ތައް ހުއްޓާލުމަށާއި މިނިވަން މުވައްސަސާތަކަށް "ގުއި އުދުޅި ބަނާ ފަރާތްތައް" ހައްޔަރު ކުރުމަށް ވެސް ގޮވާލި އެވެ.
މީގެ އިތުރުން ރައްޔިތުނަށް ސާފުވާނެ ގޮތައް ކޯޓުތަކުން ހުކުމް ކޮށްދެއްވުމަށާއި ގައުމަށް އުފާފާގަތިކަން ލިބޭނީ އަދުލު އިންސާފު ގާއިމުކޮށްގެން ކަމަށް ބުނެ ޝުއޫރު ފާޅުކުރި އެވެ.
މާމިގިލީގައި ބޮޑު މުޒާހަރާއެއް ކޮށްފައި މި ވަނީ ގާސިމް އިބްރާހިމް ހިންގަވާ ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސް އިން އަރައި ބަލާ ފާސްކޮށް ފަން އައިލެންޑް ރިސޯޓްގައި ހުރި ބަނގުރަލުގެ ސްޓޮކް ގެންގޮސްފައި ވަނިކޮށެވެ.