ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގަޔަކަށް ވަޅިން ހަމަލާ ދިން މައްސަގައި ކުޑަ ކުއްޖެއް ހައްޔަރުކޮށްފިއެވެ.
ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އުމުރުން 23 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީފައި ވަނީ ނެޝަނަލް ޑްރަގް އެޖެންސީގެ ވެހިކަލެއްގެ ތެރޭގައި އިންދައެވެ. އޭނާއަކީ އެންޑީއޭ އިން ފަރުވާ ދެމުން އަންނަ ފިރިހެނަކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހަށް ކޯޓަށް ގެންދިއުމުން ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެއެވެ. ގިނަ ދުވަސްތަކަކަށް ފަހު މި މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރި އިރު އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
އެންޑީއޭ އިން ފަރުވާދެމުން އަންނަ ޒުވާނާގެ ގަޔަށް ވަޅި ހެރިއިރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައިތޯ މީގެ ކުރިން "ރާއްޖެއެމްވީއިން" ފުލުހުންނާއި ސުވާލުކުރުމުން، އެކަމުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު ވިދާޅުވިއެވެ.