ދިވެހިންގެ ސަގާފަތާއި ގަބޫލުކުރުންތަކަށް ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން އިހްތިރާމް ކުރުމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އިލްތިމާސްކުރައްވައިފިއެވެ.
އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެމްބަސީގައި ހުކުރު ދުވަހުގެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންނަކީ މެހެމާނުންތަކެއް ކަމަށާއި ދިވެހިންގެ މެހެމާންދާރީ އާއި ދިވެހިންގެ ގާތް ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަކާދައަށް އިންޑިއާގެ ރައްޔިތުން އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މި ރީތި ގައުމަށް އައިސް ތިބި މެހެމާނުންތަކެއް. މި ގައުމުގެ ސަގާފަތާ އާދަކާދަ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަޅުގަނޑުމެން އިހްތިރާމް ކުރަންވާނެ. ގަދަރުކުރަންވާނެ. ދިވެހިން ދިރިއުޅުން ބަހައްޓާ ގޮތާއި ގަބޫލުކުރާ ގަބޫލުކުރުންތަކަށް ވެސް އަޅުގަނޑުމެން ކިޔަމަންތެރިވާންޖެހޭނެ. ދިވެހިންގެ ގާތްކަމާއި މެހެމާންދާރީގެ ނާޖައިޒު ފައިދާ އަޅުގަނޑުމެން ނަގައިގެން ނުވާނެ. އެކަހަލަ ކަންތައްތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން،" މިޝްރާ ވިދާޅުވިއެވެ.
އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާ ކޮންމެ ރައްޔިތަކު ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނަސް ގައުމަށް އަދާކުރަންޖެހޭ ވާޖިބު ހަނދާން ކުރަންޖެހޭ ކަމަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަވާލުކޮށްފައިވާ "މިޝަން"ގެ ހަނދާން ބަހައްޓަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑިއާގެ ޑޮކްޓަރުންނާއި ޓީޗަރުންނާއި އެ ނޫން ވެސް އިންޑިއާ ރައްޔިތުން ވެސް މަސައްކަތް ކުރަންވާނީ އިންޑިއާ ބިނާ ކުރުމަށް ބޮޑުވަޒީރު މޯދީ ކުރައްވާ މަސައްކަތަށް ބާރުދޭ ގޮތަށް ކަމަށެވެ.
އިންޑިއާގެ ފުރަތަމަ ގާނޫނުއަސާސީއަށް އަމަލު ކުރި ދުވަހާ ގުޅިގެން ފާހަގަ ކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރާމް ނާތު ކޯވިންދު ފޮނުއްވެވި ހިތާބު ވެސް، މިޝްރާ މިއަދު ވަނީ އިއްވަވައި ދެއްވާފައެވެ. އެ ހިތާބުގައި ރައީސް ކޯވިންދު ވިދާޅުވީ އިންޑިއާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތަކީ އާއިލާއެއް ބިނާކުރުން ފަދަ މަސައްކަތެއް ކަމަށާއި އެކަމުގެ ފައިދާ ކުރާނީ މުޅި އިންޑިއާއަށް ކަމަށެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގައި ދިރިއުޅޭ އިންޑިއާގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވެރިވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ވާހަކަތައް މިޝްރާއާ ހިއްސާކޮށް، ހިޔާލުބަދަލު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލަދިނެވެ.