ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިނިވަންކުރުމަށް ގޮވާލާފައިވާ ބޮޑު ބެނަރއެއް މާލޭގެ މަލަމަތީގައި ދަމާލައިފިއެވެ.
މާލޭގެ އިރުއުތުރު ފަރާތުން ބޮޑުތަކުރުފާނުން ދަތުރުކުރާ މީހުންނާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުފަހަރަށް ފެންނަ ގޮތަށް މި ބެނަރ ދަމާފައި ވަނީ ޤާސިމް އިބްރާހިމްގެ ކުންފުނި ވިލާގެ މައި އޮފީސްކަމަށްވާ ވިލާ ހައުސްގައެވެ. ހުކުރު ވިލޭރޭ ދަންވަރު މި ބެނަރ ދަމާފައިވާތަނުގައި ޤާސިމް އިބްރާހިމް ހައްޔަރުކޮށްގެން އުޅުނުއިރު ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ ބެނަރއެއްވެސް ދަމާފައި ހުއްޓެވެ. އަދި އެބެނަރ ނެގުމަށް އޭރު ކަމާއި ބެހޭ އިދާރާތަކުންވެސް އެންގިއެވެ. އެހެން ނަމަވެސް އޭރު އެބެނަރ ނަގާފައެއް ނުވެއެވެ.
ޝެއިޚް ޢިމްރާން މިނިވަންކުރުމަށް ގޮވާލާފައިވާ ބެނަރ ދަމާފައިވަނީ އެމަނިކުފާނު ހައްޔަރުކުރިތާ 1000 ދުވަސްވުމާ ދިމާކޮށެވެ. އަދި މިބެނަރ ދަމާފައި ވަނީ އެކަމާ ގުޅޭ ގޮތުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއަށް ފަހުއެވެ. ބެނަރ ދަމަން ވަޑައިގަތީ ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި އެޕާޓީތަކަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުންނެވެ. އޭގެ ތެރޭގައި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން ހިމެނެއެވެ.
ބެނަރ ދަމަމުން ދިޔަ ވަގުތު އެސަރަހައްދުގައި ކަންތައް ހިނގަމުންދިޔަ ގޮތް ފުލުހުން ބަލަމުން ދިޔައެވެ. އެހެން ނަމަވެސް ބެނަރ ދެމުމުގައި ޙަރަކާތްތެރިވި ބޭފުޅުންނާއި ފުލުހުން އެވަގުތު އެއްވެސް ވާހަކައެއް ނުދައްކައެވެ.
މީގެ ކުރިން ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި ވެސް އެ ތަނުގައި ބެނަރއެއް ދެމިއެވެ. ނަމަވެސް އެ ބެނަރ ނަގަން ފުލުހުން އެންގިއެވެ.
އެއްހާސް ދުވަސްވަންދެން ޖަލުގައި ޢިމްރާން ބަންދުވެފައި ހުންނަވާތީ އިދިކޮޅު އެހެން ލީޑަރުން ވަނީ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މޭޑޭ ރެލީއަށް ފަހު ޝެއިޚް އިމްރާން ހައްޔަރުކުރެވުނީ ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތައް ދެއްކެވި ކަމަށް ބުނެއެވެ.