ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށާއި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ގުޅިފައިފައިވާ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވީ ހާއްސަ ޖަލްސާގައި ރިޔާސީ އިންތިހާބުގެ ކުރިންވެސް ވެރިކަން ބަދަލު ކުރުމަށް ތާއީދު ކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބަދަލުވާގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވާނެ، ދިވެހި ރާއްޖޭގައި ވެރިކަން ބަދަލުކުރާނެ ގޮތްތައް. އަދި މި ގާނޫނުއަސާސީގައި އެކަން ވަރަށް ސާފުކޮށް ކޮންމެ މީހަކަށްވެސް އިނގޭ މިންވަރަށް ބަޔާންކޮށްފައިވާ ކަމެއް މިކަމަކީ. މިހެން މިކަން އޮންނައިރުގައި އަޅުގަނޑުމެންނަކަށެއް ރާއްޖޭގައި ވެރިކަން ބަދަލުކުރަން، ހަމަ ކޮންމެހެން ބަޔަކު ބޭނުންވާހާ ފަހަރަކު އެކަންކުރާކަށެއް ފުރުސަތެއް ނޯންނާނެ. ވެރިކަން ބަދަލުކުރަން ޖެހޭނީ ރައްޔިތުން ބައިވެރިވާ އިންތިހާބަކުން. ގާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލު ކުރާކަށެއް ސަރުކާރަކުން ފުރުސަތެއް ނުދޭނެ. އަދި ހަމައެއާއެކީގައި ދައުލަތުގެ ހަމަ ޖެހުން ނަގާލައި، ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުކޮށް، ބޭނުންވާ ގޮތަކަށް ރާއްޖޭގެ މުސްތަގްބަލް ބަނަކުރާކަށް އަޅުގަނޑުމެނެއް ފުރުސަތެއް ނުދޭނަން،" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށެވެ. އަދި ރާއްޖޭގައި ބަޣާވާތް ކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށާއި މީގެ ކުރިންވެސް ރާއްޖޭގައި ބަޣާވާތްކުރި ފަރާތްތަކަށް ގާނޫނު އަރާ ހަމަކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ގާނޫނުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް، ހަމަނުޖެހުން އުފައްދަން ނުވަތަ ރާއްޖޭގައި މިއޮންނަ ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެންނެއް ފުރުސަތު ދޭކަށް ނެތީމު. އަދި ބަޣާވާތް ކުރާކަށްވެސް އަޅުގަނޑުމެންނެއް ފުރުސަތެއް ނުދޭނަން. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފާހަގަ ކުރެއްވޭނެ، މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ބަޣާވާތް ކުރަން އުޅުނު ކޮންމެ ބަޔަކަށް ގާނޫނު ވަނީ އަރާ ހަމަކޮށްފަ. އެހެންވީމާ، ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން އެގޮތަށް ކުރިއަށްދާނެ. ދިވެހިން އަބަދުވެސް ލޯބި ކުރަނީ ސުލްހަވެރިކަމާއި ހަމަޖެހުމަށް އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައި މިވަނީ މިއޮތް ހަމަޖެހުމުގެ ތެރޭގައި ދައުލަތުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން. ސަރުކާރު ބަދަލު ކުރާކަށެއް ގާނޫނުއިމުގެ ބޭރުން، އެކަންކުރާކަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނަން،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ބަޣާވާތް ކުރާ ފަރާތްތަކަށް ގާނޫނު އަރާ ހަމަކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ ދިވެހި ފުލުހުންނާއި ސިފައިން ހިންގި އަމަލުތަކެއްގެ ސަބަބުންނެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.