މުސާރަ އިން ދެބައިކުޅަ އެއްބައި ނަންގަވާ މީހަކަށް އެނޫން ގޮތަކުން ފައިސާ ލިބޭނޭ އެހެން ގޮތެއް ނެތް ނަމަވެސް މިލިއަން ޑޮލަރުން ކުރާ ހޭދަތައް ނުބެލޭ ނަމަ އިންސާފެއް ނެތް ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން ޖަލަށްލިތާ 1000 ދުވަސް ފުރުމާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ މ. ޖުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އަނިޔާވެރިޔާ އަށް ކާމިޔާބެއް ނުވާނެ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިއަސް އެ މީހަކަށް ކާމިޔާބު ނުވާނެ ކަމަށެވެ.
މާތް ﷲ އާއި އެކަލާނގެ ރަސޫލާ އެނގެވި ގޮތާ ޚިލާފަށް މީސްތަކުންގެ މައްޗަށް އަނިޔާވާވެރިން އެއުރެދެނީ އިސްލާމްދީނަށް ކަމަށާއި ހެއްދެވި ފަރާތައް ކަމަށެވެ. ރައްޔިތުންގެ ކަންކަމާ ހަވާލުވެ ހުންނަ މީހާ ވައްކަން ކުރާ ނަމަ އެމީހަކު ކުރާ ވައްކަން އެހެން މީހުން ކުރާ ވައްކަމަށް ވުރެ ބޮޑުވާނެ ކަމަށާއި ސަބަބަކީ އެވެރިއަކު ވައްކަން އެކުރަނީ ރައްޔިތުންގެ މުދަލުން ކަމަށް ވީތީ ކަމަށެވެ.
ޝައިޚް އިމްރާން ޖަލުގައި ހޭދަކުރަމުންދާ އަނިޔާއަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ އިމްރާން އެކުރައްވަނީ ވަރުގަދަ ޖިހާދެއް ކަމަށާއި އެއަނިޔާވެރިކަމާ ދެކޮޅަށް ދައްކަމުންދާ ސާބިތު ކަމަކީ ކިތައްމެ ބޮޑު ސިހުރުވެރިއަކު ސިހުރު ހެދިއަސް ކަނޑުވާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވައްޑެ ވިދާޅުވީ މިއަދު ކިތައްމެ ބަޔަކަށް އަނިޔާ ލިބި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ ކަމަށާއި އެއަނިޔާތަކުގެ ސަބަބުން އޮހޮރޭ ކަރުނަ ބޮޑު ސައިލެއް އުފެދޭހާ ގިނަ ކަމަށެވެ.
އިމްރާންގެ މައްސަލައާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ވައްޑެ ވިދާޅުވީ އެކަން ކުރި މީހާ ހުރިގޮތަށް ބަހައްޓައި އެހެން މީހުންނާ މެދު ޝަރީޢަތް ހިންގައި ޖަލަށްލައިގެން އަނިޔާދޭއިރު އިންސާފް ޤާއިމް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ވައްޑެ ވިދާޅުވީ ވަޒީރުން އެމީހުންގެ މުސާރަ އާއި ނުބައްދަލު މުއްސަނދިކަމުގައި އުޅޭއިރު ބަލަނީ ކާކުތޯ ސުވާލު ކުރައްވާފައެވެ. އަދި މުސާރައިން އެއްބައި ނަންގަވާ ކަމަށް ވިދާޅުވާ ވެރިއަކަށް ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތްއިރު މިލިއަން ޑޮލަރުން ޚަރަދުކުރާނެ ގޮތް އެއީ ނޯންނާނެ ގޮތެއް ކަމަށާއި އެކަންކަން ނުބެލޭ ނަމަ ހަމަޔާއި އިންސާފް ޤާއިމް ކުރެވުނީ ކަމަށް ނުބެލެވޭނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.