އަނިޔާވެރިކަން ނިމޭ ދުވަސް ކައިރިވެއްޖެ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޙު އިމްރާން އަބްދުﷲ ޖަލު ބަންދުގައި ހުންނަވާތާ 1000 ދުވަސްވުމާ ގުޅިގެން މ. ކުނޫޒްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ނަޝީދުގެ ފަރާތުން ދެއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، އަނބިދަރީންނާ ދުރުގައި 1000 އަށް ވުރެ ގިނަ ދުވަސް އިމްރާން އަބްދުﷲ ހުންނަވަން ޖެހުމަކީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި އަނިޔާވެރިކަން ނިމޭނެ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށާއި މިކަން ނިމުމަކަށް ގެނައުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެނޑިޅޭނި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގައުމު އިސްލާހު ކުރުމަށް ކުރައްވަމުންދާ މަސައްކަތްތައް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ މުސްތަގްބަލަށް ވަރަށް މުހިއްމު އިންތިހާބެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް، ޤައުމު ޑިމޮކްރަސީ ހަމަމަގަށް އެޅުވުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.
"މި އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ބަލި ކުރާނެ. ދިވެހި ދައުލަތް މިވަނީ ހޮޅިކޮށްފަ. ބާރުތައް ގާނޫނީ ހަމަތަކުން ބީވެ ހިގައްޖެ. އެބާރުވެރިކަން އަޑީ ދައުލަތަކަށް މިދަނީ ފުރޮޅެމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހި ގައުމަށް ހަމަހަމަކަމާއި އިންސާނިއްޔަތުގެ ރީތި އުސޫލުތައް ގެންނަން ޖެހިފައިވާކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ނުދެއްކޭ މިންވަރަށް ފައިސާ ނަގަމުންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ މިއަމަލުތަކުގެ ސަބަބުން، ނަތީޖާ ވަރަށް ހިތިވާނެ ކަމަށާއި އެންމެ ފަހުން އެކަމުގެ އަގު ދައްކަން ޖެހޭނީ ދިވެހި އިސްތިގްލާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރާ އެކު އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ސަބަބުން ދިވެހި ވިޔަފާރިތައް ބަނގުރޫޓްވެގެންދާނެ ކަމަށާއި ރާއްޖެއިން ޗައިނާގެ އިމްޕޯޓަށް ބަރޯސާވާންޖެހޭ ފަދަ ހާލަތަކަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.