ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަން ބަދަލުކުރަން ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅެއްޖެ އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސްވުމާއި ގުޅިގެން ގުޅުފައިވާ ކޯލިޝަންއިން މ. ކުނޫޒުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އިންތިޚާބުގައި އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމަށް ކުރަމުންދާ މަސައްކަތަކީ އެމަނިކުފާނު ތާޢީދުކުރައްވާ ގޮތެއްކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ކަންކަން އިސްލާހުކުރަން ވަކި ވަގުތެއް އަންނަންދެން މަޑުކުރަން ނުޖެހޭކަމަށެވެ. އަދި މިހާރުން މިހާރަށްވެސް ކަންތައްތައް އިސްލާހުކުރަންވީ ކަމަށެވެ.
"ކީއްކުރަންތޯ މަޑުކުރަންވީ؟ އަދި ތިބުނާ އިންތިޚާބަކީ ބޭއްވޭނެ އިންތިޚާބެއްކަންވެސް ނޭނގެ. ކާކަށްތޯ އެނގެނީ؟ އަދި އިންތިޚާބު ބޭއްވިޔަސް ނަތީޖާދާނީ ކިހިނެއްކަމެއް ނޭނގެ. ކޮންކަހަލަ ކަންތައްތަކެއްކަން އޭގެ ތެރޭގައި ހިމެނިގެންދާނީ ނޭނގެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޝައިޚް އިމްރާނަކީ ވަރަށް ވަރުގަދަ ޖިހާދެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާއި، ޝައިޚް އިމްރާންފަދަ މުޖާހިދަކު ބަންދުކޮށްގެން ގެންގުޅުމަކީ ރާއްޖޭގެ ތާރީޚުގައި ޖެހިގެންދާނެ ލަތްގަނޑެއް ކަމަށެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގެ ބޮޑު ބައިގައި އަލިއަޅުއްވާލެއްވީ އަނިޔާވެރިކަމާއިއެކު އަދި އިންސާފެއް ނެތި ވެރިކަންކުރުމުގެ ނުބައި އަދި ގޯސްކަމުގެ ވާހަކަ ބަޔާން ކުރެއްވުމަށެވެ. އަދި އަދުލުވެރިކަމާއި އިންސާފާއި ގުޅޭ ގިނަ އަދަދެއްގެ ޢާޔަތްތަކާއި ޙަދީޘްތަކެއް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެދެއްވިއެވެ. ރައީސް މައުމޫން ވިދާޅުވީ މުޖްތަމައުގައި އެންމެ ބޮޑަށް ހަމަޖެހުން ނަގާލަނީ އަނިޔާވެރިކަމާއި އިންސާފެއް ނެތުންކަމަށެވެ. އަދި ވެރިކަމުގައި ތިއްބަވާ ބޭފުޅުން ޢަދުލުވެރިވާން ޖެހޭނެކަމަށާއި، އިންސާފުވެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނުހައްޤުން މީހަކު ހައްޔަރުކޮށްގެން ނުވާނެކަމަށާއި ނުހައްޤުން މީހަކަށް އަދަބެއް ދީގެންވެސް ނުވާނެކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
ޢަދުލުވެރިކަމުގެ ވާހަކައިގެ ތެރެއިން އެމަނިކުފާ އިތުރަށް ވިދާޅުވީ އަދުލުވެރިވެގެން އެކަނި ނުފުދޭކަމަށާއި، އިޙްސާންތެރިވެސް ވާން ޖެހޭކަމަށެވެ.
ޝައިޚް އިމްރާންގެ މައްޗަށް ހުކުމް އިއްވީ އެމަނިކުފާނަށް އިންސާފު ނުލިބިކަމަށާއި ހެކިންނަށް ހެކި ހުށަހަޅަން ފުރުސަތު ނުދޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ދައުލަތެއްގައި އަނިޔާވެރިކަން އޮވެގެން ނުވާނެކަމަށް ވިދާޅުވެ، ރާއްޖޭގައި އިންސާފުން ބޭރުން ހިނގާ ކަންކަމަށް ފާޑުވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އިމްރާނަށް އެދެނީ އަނިޔާކަމަށާއި، އެފަދަ އަނިޔާ ލިބޭ އެހެން ބައެއް ޝަރީޢަތްތައްވެސް ފާހަގަކުރެވޭކަމަށެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާއި، ކުރީގެ ނައިބު ރައީސް އަދީބާއި، ކާނަލް ނާޒިމް އަދި ޤާސިމް އިބްރާހިމްގެ ނަންފުޅު ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ކަންތައްތައް ހަމަ މަގަށް އަޅުވަން އިމްރާން ސަރުކާރާއި އެކު މަޝްވަރާ ކުރައްވައިގެން މަސައްކަތްކުރެއްވިކަން އެނގިވަޑައިގަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަންތައް ސަރުކާރުން ޤަބޫލު ނުކުރީކަމަށާއި، އެމަނިކުފާނަށްވެސް ދިމާވީ އެފަދައިންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ތަކުރާރުކޮށް، ޝައިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކުރި އެންމެންވެސް ވަގުތުން ދޫކޮށްލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަދި ރައީސް ނަޝީދާއި، ކާނަލް ނާޒިމްއާއި، ޤާސިމްގެ ޝަރީޢަތްތައް ދިޔައީ ނާއިންސާފުންކަމަށާއި، އެބޭފުޅުން މިހާރުން މިހާރުން މިނިވަންކުރުމަށް ގޮވާލައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.