ސިޔާސީ ބާރުވެރިކަން ލިބެނީ ބަޑީގެ ކޮޅުން ކަމަށް ރައީސް ޔާމީނަށް ހީފުޅުވެފައި އޮވެއްޖެ ކަމުގައި ވާނަމަ އެއީ ކުށް ހީފުޅެއް ކަމަށާއި މިރާއްޖޭގައި އެކަމަކަށް އެމަނިކުފާނަށް ޖާގައެއް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ބުރާސްފަތިދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީނަށް ހީވެފައި އޮންނަނީ އަނިޔާވެރިކަން އިސްކުރައްވައިގެން ހުރިހާ ކަމެއް ކުރެއްވިދާނެހެން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ކުރީސަފުގައި ތިއްބެވި އެންމެން ހިފާ ހައްޔަރުކުރިކަމުގައި ވިއަސް އޭގެ ދެވަނަ ސަފެއް އުފެދޭނެ ކަމަށެވެ.
"ރައީސް ޔާމީނަށް ހީފުޅުވެފައި އޮންނަނީ އަބަދުވެސް އަނިޔާވެރިކަން އިސްކުރައްވައިގެން އަޅުގަނޑުމެންގެ އަޑު ކަނޑުވާލެވިދާނެ ކަމަށް. އެކަމެއް ނުކުރެވޭނެ،" އިބޫ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލުގައި ހުންނަވާތާ 1000 ދުވަސް ފުރުމަށް އިޝާރަތްކުރައްވައި އިބޫ ވިދާޅުވީ އިމްރާނަކީ މުރާލި ހިތްވަރުގަދަ ލީޑަރެއް ކަމަށާއި ކޮންމެ ކަމެއް ކުރެއްވުމުގައި ވެސް އެންމެނާ މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށެވެ. އިމްރާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައީ މޭޑޭގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
އިބޫ ވިދާޅުވީ ޝެއިޚް އިމްރާން ވިދާޅުވެފައިވާ ފަދައިން މިއަދު ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަންވީ ކެތްތެރިކަމާއި ހިތްވަރާއި ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ.
މޭޑޭ މުޒާހަރާގައި ވީ ހުރިހާ ކަމެއް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޖަލުގައި ހުންނަވައިގެން ވިދާޅުވެދެއްވައިފި ކަމަށާއި މިއަދު އެކަން ހާމަ ވެގެން ހިނގައްޖެ ކަމަށް އިބޫ ވިދާޅުވިއެވެ. މޭޑޭ މުޒާހަރާއަކީ މިހާތަނަށް އެންމެ އަނިޔާވެރިކޮށް ރޫޅާލި މުޒާހަރާ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރައްޔިތުން އިދިކޮޅު ހަތަރު ލީޑަރުންނާ މެދު ފޮނި އުއްމީދު ކުރައްވާ ކަމަށެވެ. އިބޫގެ ވާހަކަ ނިންމަވާލެއްވީ އުއްމީދު ގެއްލުވާނުލެއްވުމަށް ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.