ދިވެހިންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދައިގެ އަމަލުތަކުން މިންޖުވެވެން އޮތީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށްހިތައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިން އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން އަބްދުﷲ ޖަލަށް ލެވުނުތާ 1000 ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޚާއްސަ ޖަލްސާއަށް ފޮނުއްވި ޚިޠާބުގައި ޤާސިމް ވިދާޅުވީ މި ޙުތޫރަތްތެރިވަގުތުގައި، ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ތަޢައްސުބުން އެއްކިބާވެތިބެ، ވަކި ފަރާތަކަށް ޖެހުމެއްނެތި، މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް ގޮވާލައްވާކަމަށެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބި، ނުވަތަ ތިމާއަށް ފަރުދީގޮތުން ކުރިމަތިކޮށްފާނެ ދައްޗަކަށް ބިރުވެތި ނުވެ ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ދަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.
"އިސްވެ ދެންނެވިފައިވާ ފަރާތްތަކުގެ އިޚްލާސްތެރި މަސައްކަތުން ނޫނީ ދިވެހި ގައުމަށް ދިމާވެފައިވާ ހިތްދަތި ހާލުން މިންޖުވެވޭނެ އެހެން އެއްވެސް މަޤެއް މިވަގުތު ފެންނަން ނެތްކަމަށް އަޅުގަނޑު ޤަބޫލުކުރާ ކަމުގައި ދަންނަވަން."
ޝައިޚް ޢިމްރާން ޖަލަށް ލެވުނު މައްސަލައިގައި ޤާސިމް ވިދާޅުވީ އެހުކުމަކީ ސަރުކާރުގެ ބައެއް އިސްވެރިންގެ ހީލަތްތެރި ރޭވުމުން ހިންގާފައިވާ ޖަރީމާއެއްކަން މިއަދު މިދަނީ ހާމަވަމުންކަމަށެވެ. ޤާސިމް މިހެން ވިދާޅުވިއިރު، ޝައިޚް އިމްރާން ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ރޭވުމެއްގެ ދަށުންކަމަށް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ކަން މިހެން ހިނގާފައިވާތީ، ޝައިޚް ޢިމްރާންގެ މައްޗަށް ކުރެވުނު ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ކުރެވުނު އިލްތިމާސްގެ މައްސަލަ މައުޟޫޢީގޮތުން އަލުން ބައްލަވައި، އަދުލުވެރި ނިންމެވުމެއް ނިންމަވައިދެއްވުމަށް ސުޕްރީމް ކޯޓާއި ކަމާބެހޭ ފަރާތްތަކަށް 'ފަށްފަށުން އާދޭސް ދަންނަވާ'ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޝައިޚް އިމްރާން އަބްދުاللهއާއި މެދު މިފަދައިން ކަންކަން ދިމާވެ އެމަނިކުފާނު ގެ ހައްޤުތަކަށް ލިބިގެންދިޔަ އުނިކަމާއެކުވެސް އެހުންނެވީ ސާބިތުކަމާއެކު ހައްޤުގެ މަގުގައިކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
ޖަރުމަންވިލާތުގައި ހުންނަވައިގެން ޖަލްސާއަށް ފޮނުއްވި ޚިޠާބުގައި ޤާސިމް ވަނީ މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި އެހެން ފަރާތްތަކުގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ.
"މަސައްކަތްތެރީންގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން މިއަދުވެސް ތަހައްމަލުކުރަމުން އެދަނީ އެތަކެއް އަނިޔާއާއި ވޭން. އެއް ބަޔަކު ހުކުމެއްވެސް ނުކޮށް ޖަލުގެ ކުޑަގޮޅީގެ ތޭރިތަކުގެ ތެރޭގައި ވާ ހިނދު، އަނެއް ބަޔަކު އެމީހުންގެ އުފަން ޤައުމު ދޫކޮށް އަމިއްލައަށް އަރުވާލެވިގެން ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުގައި ދަތި އުނދަގޫ ޙާލަތުގައި ތިބެންޖެހިފައިވާކަމީ ނުހަނު ހިތްދަތި ކަމެއް."
ޤާސިމް ވަނީ މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ ނަން ފާހަގަކުރައްވާފައެވެ. އަބްދުﷲ ރަޝީދަށް އިއްވި ޙުކުމަކީ ޑިއު ޕްރޮސެސް އާއި ޚިލާފަށް އިއްވި ޙުކުމެއްކަމަށް ސިފަކުރައްވަމުން ޤާސިމް ވިދާޅުވީ އަބްދުﷲ ރަޝީދު މަރުވީ ޖަލުގައި ހުރެ އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުންކަމަށެވެ.
"އަނިޔާވެރި ވެރިއެއްގެ ކަސްތޮޅުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް މީސްމީހުންގެ ފުރާނަ އާއި މުދާ ސަލާމަތްވޭތޯ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަން ޖެހިއްޖެ،"