އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒްގެ މައްޗަށް ފުލުހުން ޖިނާއީ ތުހްމަތުތަކެއް ކޮށް ބަޔާން ނަގައިފިއެވެ.
ޝިފާޒް މައްޗަށް ކުރާ ޖިނާއީ ތުހްމަތާ ގުޅިގެން ވަކީލަކާ އެކު ފުލުސް އޮފީހަށް ހާޒިރުވުމަށް ދިން ފުރުސަތުގައި އޭނާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފައެވެ.
ޝިފާޒްގެ ވަކީލް ހަނީފާ ހާލިދު ވިދާޅުވީ ޝިފާޒަށް ދީފައިވާ ގާނޫނީ އިންޒާރު ފޯމުގައި އޭނާގެ މައްޗަށް ތުހްމަތުކުރާ ކުށް ކަމަށް ބަޔާންކުރާ ގާނޫނުގެ މާއްދާތަކާއި އޭނާއާ ސުވާލު ކުރިއިރު ހަވާލާދިން ކުށުގެ މާއްދާތައް ތަފާތު ކަމަށެވެ.
"ގާނޫނީ އިންޒާރުގައި ކުށުގެ ތުހްމަތު ކުރެވޭ މާއްދާތައް ކަމަށް ހަވާލާދީފައި އޮތީ ގާނޫނުލް އުގޫބާތުގައި ހުރި އެކި މާއްދާތަކަކާ. އެކަމު ތަހްގީގުގައި ސުވާލު ކުރީ އެއްވެ އުޅުމުގެ ގާނޫނާ ހަވާލާދީ. ވަރަށް ބޮޑު ތަފާތުތަކެއް ހުރި މި ދެ ހަލާތުގައި ހަވާލާދީފައިވާ ގާނޫނުތަކުގައި،" އޭނާ ވިދާޅުވިއެވެ.
ޝިފާޒްގެ މައްޗަށް އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ޖިނާއީ ތުހްމަތެއް ކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ހުރި ސަރަހައްދުގައި ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރި ކަމަށް ބުނެއެވެ. މި ތުހްމަތު އޭނާގެ މައްޗަށް ފުލުހުން ކުރަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީ އިހްތިޖާޖެއް އޮންނާނެ ކަމަށް ޕްރެސްކޮންފަރެންސްއެއްގައި ވިދާޅުވުމަށް ފަހު އެ ދުވަހުގެ ހަވީރު އެއްވެ މުޒާހަރާ ކުރި ކަމަށް ބުނެއެވެ.
މި ތުހްމަތުތަކާ ގުޅޭ ގޮތުން ޝިފާޒް ވިދާޅުވީ މި ތުހްމަތުތަކުން ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމެއްގައި ހަމަހަމަ ކަމެއް ނޯންނާކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި އޭނާއާ އިތުރު މީހުންތަކެއްގެ މައްޗަށް އެ ތުހްމަތު ކުރަނީ އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް ފަނޑުކޮށްލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ޖިނާއީ ބޮޑެތި ތުހްމަތުތަކެއް ކުރެވި އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ވެސް ނުބެލޭއިރު ފުލުހުން މަސައްކަތް ކުރަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ބޭނުން ކޮށްގެން ހިންގާ ހަރާކާތެއް ހުއްޓުވުމަށް ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. ހަމަ އެހެންމެ އެ ހުރިހާ ކަމެއް ރައީސް އަބްދުﷲ ޔާމިން ލައްވާ ކުރަމުންދާތީ ކަންބޮވެލައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ ހަރަކާތް ހިންގޭނީ ހަމައެކަނި އަބްދުﷲ ޔާމިނާ އެ ބޭފުޅާގެ ޕާޓީއަށް ކަމަށް ދައްކަން ކުރާ މަސައްކަތްމީ. އެކަމު ހިތާމައަކީ މި ހުރިހާ ކަމެއް ކުރުވަނީ ފުލުހުން ލައްވައި،" ޝިފާޒް ވިދާޅުވިއެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީ ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރި ކަމަށް ބުނެ ޝިފާޒް އިތުރުން އެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޝިފާޒާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) މައްޗަށްވެސް ތުހްމަތުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެެ.