މިދިޔަ އަހަރު ބޭއްވި ދިވެހި އިސްލާމް (އެސްއެސްސީ) އިމްތިހާނުގެ ޕޭޕަރުގެ ބައެއް ސުވާލުތައް އިމްތިހާނުގެ ކުރިން ލީކުވެފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައިވަނީ މިދިޔަ އަހަރު ބޭއްވި އެސް.އެސް.ސީ އަދި އެޗް.އެސް.ސީ ދިވެހި, އިސްލާމް އިމްތިހާން ކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކޮށްފައިވަނީ ސައްޙަ ނޫން ގޮތުގައި ކަމަށާއި ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ކަމަށް ޤަބޫލް ކުރެވޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ކުރި ތަހުގީގުގައެވެ.
އާއްމު މީހަކު ހުށަހެޅި އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އިމްތިހާނު ކަރުދާސް ތައްޔާރުކޮށްފައިވާ ޓީޗަރުން ކިޔަވައިދޭ ސްކޫލްތަކުގައި ދީފައިވާ ފައިނަލް ނޯޓިސްތަކުގައި ހުރިހާ ސުވާލެއް އިމްތިހާނުގައި އައިސްފައިވާ ކަމަށާއި ހަމަ އެ ޓީޗަރުން އިމްތިހާނަށް ތައްޔާރުކޮށްދޭ ވޯކްޝޮޕްތައް ހިންގާފައިވާއިރު އެމާއްދާއިން ޓެސްޓް ހަދާ ދަރިވަރުންނަށް އެޓީޗަރުން ޓެސްޓް ކަރުދާސް ދީފައިވާ ކަމަށެވެ. އަދި އެޓީޗަރުން ޢަމަލް ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އެމައްސަލައިގާ ބުނެފައިވެއެވެ.
މިމައްސަލަ ބެލުމަށް އެސީސީން ހިންގި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ބުނެފައިވަނީ ޖަމާލުއްދީން ސްކޫލުގެ މޮކް އެގްޒަމިނޭޝަންގެ އިސްލާމް ޕޭޕަރުގެ ތިންވަނަ ބައިގެ 4 ވަނަ ސުވާލު އެސް.އެސް.ސީ އިމްތިހާނުގައި ހިމެނިފައިވާ ކަމަށާއި، އެގްޒަމިނޭޝަން ޕޭޕަރުތައް ޕްރިންޓް ކުރަމުން ދަނިކޮށް އަމީނިއްޔާ ސްކޫލުގެ މޮކް އެއިމްތިހާނުގައި ހިމެނޭ ސުވާލެއް ޕޭޕަރުގައި ހިމެނިފައިވާތީ އެސުވާލު އުނިކޮށްފައިވާނޭ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން މައުލާމާތު ދީފައިވާ ކަމަށެވެ.
އޭސީސީން ބުނީ އެސްއެސްސީ އިމްތިހާނުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ބައެއް ޓީޗަރުންނާމެދު އިދާރީ ފިޔަވަޅު އަޅައި އަދި އިމްތިހާނުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދުމުންވެސް އޭނާ ކިޔަވައިދޭ ސްކޫލުގައި ރަސްމީކޮށް ކިޔަވައިދެމުންދާކަން ޕަބްލިކް އެގްޒަމިނޭޝަންގެ ސަމާލުކަމަށް ގެނެސްފައި ނުވާކަމީ އޭނާގެ ނިޔަތް ޚާލިޞް ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އޭސީސީން ބުނެފައިވަނީ އިތުރު ތަހުގީގެއް ހިންގުމަށާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެޑިއުކޭޝަނަށް އަންގާފައިވާކަމަށެވެ.