ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ސާފު ނިޔާ ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި 10 ވަނަ ދުވަހު ވެސް އެ ކޯޓުން އެ މައްސަލާގައި ޖަވާބެއް ނުދެއްވިއެވެ.
ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ފަހު، އެތަނުން ނުކުމެވަޑައިގެން ރާއްޖެއެމްވީ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓުން ޖަވާބެއް ނުދީ ލަސްވަމުންދާ މައްސަލައިގައި މެމްބަރުންނަށް ގުޅާނެ ކަމަށް އެ ކޯޓުން ކޮންމެ ދުވަހަކު ވެސް ބުނަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކޯޓުން ޖަވާބެއް ދީފައި ނުވާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި މެމްބަރުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުމެން މި މަސައްކަތުގައި ސާބިތުކަމާ އެކު ތިބޭނަން. ޖަވާބު ލިބޭތޯ އިތުރަށް ވެސް ކޯޓަށް އަންނާނަން. އިލެކްޝަންސް ކޮމިޝަނަށް ވެސް އަޅުގަނޑުމެއް ދާނަން. އެއީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަކީ 60،000 ރައްޔިތުން ހައްގު ނިގުޅައިގަތުން ކަމަށާއި އެ ރައްޔިތުންގެ ހައްގު ގެއްލިގެންދާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވަކިވަކިން ބައްދަލު ކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓުން ސާފު ނިޔާއެއް ކަނޑަނާޅައި ދިގުލައިގެންދާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ވަނީ އެ ކަންބޮޑުވުން ސުޕްރީމް ކޯޓަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މުއައްސަސާތަކުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގި އެންގުމަކާ ގުޅިގެން 12 މެމްބަރަކު މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިފައިވާތާ ފަސް ވަރަކަށް މަސް ވަނީ ވެފައެވެ.